ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ 400 ހައުސިން ޔުނިޓްގެ މަޝްރޫޢު އެކަށީގެންވާ މުއްދަތުގައި ކުރިއަށްނުގޮސް ދިގުލައިގެން ދިއުމާ ގުޅިގެން، އެ މަޝްރޫޢުގެ ކުރީގެ އެއްބަސްވުން ބާޠިލުކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުން އެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢަކީ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 11 ފަންގިފިލާގެ 5 ޓަވަރު އެޅުމަށް ކުރީގެ ސަރުކާރުން "ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ" އެއް ކަމަށްވާ، ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކުރި މަޝްރޫޢެކެވެ. 2023 ވަނަ އަހަރު ވެވުނު އެއްބަސްވުމުގެ ދަށުން މި މަސައްކަތް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް މުޅިން ނިންމަން ކަނޑައެޅި ނަމަވެސް، މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2024 ވަނަ އަހަރުގެ މޭ މަހުގައެވެ.
އަމަލީ މަސައްކަތް ފެށި ފަހުން ވެސް މިހާތަނަށް ނިމިފައިވަނީ މަދު ޓަވަރުތަކެއްގެ ފައުންޑޭޝަނާއި ބައެއް ތަނބުތައް ޖެހުމުގެ މަސައްކަތް އެކަންޏެވެ. މުޅި މަޝްރޫޢުގެ މަސައްކަތުން ނިމިފައިވަނީ އެންމެ 18 އިންސައްތައެވެ. އެއަށްފަހު އެއްވެސް މަސައްކަތެއް ކުރިއަށްނުގޮސް، ސައިޓުގެ މަސައްކަތްތައް އޮތީ މުޅިން ހުއްޓިފައެވެ.
މަޝްރޫޢު ހުއްޓިފައި އޮތުމާ ގުޅިގެން ސަރުކާރުން ވަނީ ކުރީގެ ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކޮށް، އެ މަސައްކަތް ކުރިއަށް ގެންދިއުން އެޗްޑީސީއާ ހަވާލުކޮށްފައެވެ. އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން މިހާރު މި މަސައްކަތް ހަވާލުކޮށްފައިވަނީ ރެއިންބޯ ކޮންސްޓްރަކްޝަންއާއެވެ.
ރެއިންބޯ ކޮންސްޓްރަކްޝަންގެ ޓީމު ސައިޓަށް ގޮސް ބެލިއިރު މަސައްކަތް ނުކުރެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ތަން އޮތީ ވަރަށް ބޮޑަށް ދޫކޮށްލާފައި ނަމަވެސް، މިހާރު ވަނީ އެ ސަރަހައްދު އެއްކޮށް ސާފުކޮށްފައެވެ. އަދި ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތްތައް އަލުން ފެށުމަށް އެ ކުންފުނިން މިހާރު ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.