ދައުލަތުގެ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް އަންނަ އަހަރުގެ ތެރޭގައި 2.3 ބިލިޔަން ރުފިޔާ ޖަމާވާނެ ކަމަށް ލަފާކޮށްފިއެވެ. މިއީ މި ހިނގާ އަހަރުގެ ތެރޭގައި އެ ފަންޑަށް ޖަމާވާނެ ކަމަށް އަންދާޒާކޮށްފައިވާ 2.2 ބިލިޔަން ރުފިޔާއާ އަޅައިބަލާއިރު އިތުރު އަދަދެކެވެ.
ސަރުކާރުން މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ރިޒާވާ މުޅިން ވަކިން ބަލަހައްޓަމުން އަންނަ މި ފަންޑަކީ، ކުއްލި ހާލަތްތަކުގައި ދިމާވެދާނެ މާލީ ދަތިތަކަށާއި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ޚާއްޞަކޮށްފައިވާ ފަންޑެކެވެ. މީގެ އިތުރުން މިއީ އިޤުތިޞާދަށް ކުރިމަތިވެދާނެ އެކި ކަހަލަ ލޮޅުންތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަޤުޞަދުގައި ޤާއިމުކޮށްފައިވާ މުހިންމު ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
މެދުރާސްތާގެ މާލީ ލަފާކުރުންތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ސޮވަރިން ފަންޑަށް ޖަމާވާ ފައިސާގެ މިންވަރު މެދުކެނޑުމެއްނެތި އިތުރުވަމުންދާނެއެވެ. އެގޮތުން 2028 ވަނަ އަހަރު މި ފަންޑަށް 2.5 ބިލިޔަން ރުފިޔާ ޖަމާވާނެ ކަމަށް ލަފާކޮށްފައިވާއިރު، 2029 ވަނަ އަހަރު އެ އަދަދު 2.7 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މި ހިނގާ 2026 ވަނަ އަހަރަކީ ދައުލަތުގެ ބަޖެޓުން ދަރަނި އަނބުރާ ދެއްކުމަށް މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނު އަހަރެވެ. ރެކޯޑު މިންވަރަކަށް ދަރަނި ދައްކަންޖެހުނު މި އަހަރުގެ ތެރޭގައި އެކަމަށް 11.7 ބިލިޔަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ނަމަވެސް، މި ބޮޑު އަދަދު ދެއްކުމަށްފަހު އަންނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ބަޖެޓުގެ ހިސާބުތަކުން ދައްކައެވެ. އެގޮތުން އަންނަ އަހަރު ދައުލަތުގެ ދަރަނި ދެއްކުމަށް ހޭދަވާނެ ކަމަށް ލަފާކޮށްފައިވަނީ 4.4 ބިލިޔަން ރުފިޔާއެވެ.