ޕެރަ އެތުލީޓުންގެ ކެޓަގަރީތައް ކަނޑައަޅަން ސެޓިފައިޑް ކްލެސިފަޔަރުން ތަމްރީނުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޕެރަ އެތުލީޓުންގެ ކެޓަގަރީތައް ކަނޑައަޅަން ސެޓިފައިޑް ކްލެސިފަޔަރުން ތަމްރީނުކުރަނީ

ޕެރަ އެތުލީޓުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ ކުޅިވަރުގެ މައިދާނުގައި ހުރި ގޮންޖެހުންތައް ނައްތައިލުމަށްޓަކައި، ސަރަހައްދީ ޤައުމުތަކަށް އަމާޒުކޮށްގެން ޚާއްޞަ ކްލެސިފިކޭޝަން ވޯކްޝޮޕެއް ރާއްޖޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި ކުޅިވަރު ވުޒާރާގެ އިތުރުން ކޮރެއަން ޕެރަލިމްޕިކް ކޮމިޓީ (ކޭޕީސީ) ގުޅިގެން ކުރިއަށްގެންދާ މި ވޯކްޝޮޕް އޮންނާނީ މި މަހުގެ 16 އިން 18 އަށް މާލޭގައެވެ.

މި ހަރަކާތުގައި ރާއްޖޭގެ އިތުރުން ނޭޕާލް، ޕާކިސްތާން، ބޫޓާން، އިންޑިއާ އަދި ސްރީލަންކާގެ ކަމާބެހޭ ތަޖުރިބާކާރު ޑޮކްޓަރުންނާއި އޮފިޝަލުން ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލް އަހްމަދު މުހައްމަދު ވިދާޅުވީ، މި ވޯކްޝޮޕްގެ އެންމެ ބޮޑު މަޤްޞަދަކީ ޕެރަ އެތުލީޓުން ފެތޭ ރަނގަޅު ކެޓަގަރީތައް ދެމެހެއްޓުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގެ ސެޓިފައިޑް ކްލެސިފަޔަރުން ބިނާކުރުން ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުންވެސް މިފަދަ ތަޖުރިބާކާރުން މަދުކަން ފާހަގަކުރައްވައި، މި ވޯކްޝޮޕްގެ ސަބަބުން ސަރަހައްދީ ޤައުމުތަކުގެ އެސޯސިއޭޝަންތަކުގެ ކޯޗުންނަށްވެސް ބޮޑެތި ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ކްލެސިފަޔަރުން ޤައުމުތަކުގައި ނެތުމަކީ ބޮޑު ގޮންޖެހުމެއް. މިބަލަނީ މި ފުރުސަތުގައި ސަރަހައްދީ ޤައުމުތަކަށްވެސް ފުރުސަތުދީގެން ރާއްޖޭގައި މީހުންތަކެއް ބިނާކުރުމަށް،" އަހްމަދު ވިދާޅުވިއެވެ.

ޕެރަ އެތުލީޓުންނަށް އިންސާފުވެރި އަދި ހަމަހަމަ ވާދަވެރި މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން، 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅަކަށް މަދުވެގެން ސެޓިފައިޑް 2 ކްލެސިފަޔަރުން ތަމްރީނުކޮށް ނިންމުމަކީ ޕެރަލިމްޕިކް ކޮމިޓީން ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިއެކެވެ.

މިއަދު އޮންލައިން