ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެން ބާއްވާ ފެތުމުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެން ބާއްވާ ފެތުމުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެން ޑަޔަބެޓީޒް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް ސްވިމް ފޯރ ޑަޔަބީޓީޒް 2026" ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ނޮވެމްބަރު 14 ވާ ދުވަހުއެވެ.

މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ހަކުރުބައްޔަށް އާންމުން ހޭލުންތެރިކުރުވުމާއި، ކަސްރަތުކޮށް ހެލިފެލިވެ އުޅުމުގެ ރަނގަޅު ސިއްހީ އާދަތައް ދިވެހިންގެ ދިރިއުޅުމުގައި އަށަގެންނެވުމަށް ބާރުއެޅުމެވެ.

މި ހަރަކާތުގައި ބައިވެރިވެވޭނީ ފަތަން ދަންނަ، އުމުރުން 6 އަހަރުން މަތީގެ ފަރާތްތަކަށެވެ. އެގޮތުން އަމިއްލަ ފަރުދުންގެ އިތުރުން އާއިލާތަކަށާއި، އެކި މުއައްސަސާތަކުގެ މުވައްޒަފުން އަދި ކޮލެޖުތަކުގެ ދަރިވަރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މާލޭ ސަރަހައްދުގައި މި ހަރަކާތް ކުރިއަށްދާނީ މާލޭ ފަތާ ޓްރެކުގައި، މެންދުރުފަހު 02:00 އިން އިރުއޮއްސި 06:00 އަށެވެ. މި ހަރަކާތުގައި ފެތުމަށް ހަމަޖެހިފައިވަނީ 25 މީޓަރާއި 50 މީޓަރާ ދެމެދުގެ ދުރުމިނެކެވެ.

ފެތުމަކީ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަކަށްވާތީ، ފަތަން ދަންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު މި ހަރަކާތުގައި ފުރިހަމައަށް ބައިވެރިވެވޭނެ އެންމެހައި އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މި ހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ، ހަކުރުބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް ޑަޔަބެޓީޒް ސޮސައިޓީގެ ސީއީއޯ ޢާއިޝަތު ޝިރުހާނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މި އިވެންޓުގައި ބައިވެރިވުމަށް ރަޖިސްޓަރީވާން ބޭނުންވާ ފޯމު، ޑަޔަބެޓީޒް ސޮސައިޓީގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ކިއުއާރް ކޯޑު ސްކޭން ކޮށްލައިގެން ފުރިހަމަކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މިއަދު އޮންލައިން