މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެސްޕަޔަރ އަދި އެރައިސް މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ނިންމައިފިއެވެ.
މި ދެ މަޝްރޫޢަކީ ރާއްޖޭގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން ކަނޑައަޅުއްވާފައިވާ މުހިންމު ލަނދުދަނޑިތައް ހާސިލުކުރުމަށް އެޅޭ ބޮޑު ބާރެކެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި މިއީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ހާސިލުކުރުމުގެ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ ކަމެކެވެ.
މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް ނިމި، އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުތައް އެ ރަށްރަށުގައި ޤާއިމުކުރެވި ބޭނުންކުރަން ފެށުމުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުވެ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާކުރުމެވެ.