އުމުރުން 18 އަދި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ދިރާގު އެޕްރެންޓިސްޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
އުމުރުން 18 އަދި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ދިރާގު އެޕްރެންޓިސްޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވާނުން ބާރުވެރިކޮށް، ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ކުރިއަށްގެންދާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ، އޭ-ލެވެލް ނިންމާފައިވާ އަދި މިވަގުތު ފުލް-ޓައިމް އެއްވެސް ވަޒީފާއެއް އަދާނުކުރާ ދިވެހި ޒުވާނުންނަށް ޚާއްސަކޮށްގެން ފަހިކޮށްދީފައިވާ ފުރުސަތެކެވެ.

ދިރާގުން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް މުހިންމު ދާއިރާތަކަކުން އަމަލީ ތަމްރީނާއި، އާމްދަނީ ލިބޭނެ ގޮތަށް ވަޒީފާގެ މާހައުލުގެ ތަޖުރިބާ ލިބިގެންދާނެއެވެ. މިގޮތުން ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެނަލިޓިކްސް އެންޑް ބިޒްނަސް އިންޓެލިޖެންސް، ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، ކްލައުޑް އެންޑް އައިޓީ ސަރވިސެސް، ސައިބަރ ސެކިއުރިޓީ، ފައިނޭންޝަލް އެކައުންޓިންގ، ހިއުމަން ރިސޯސަސް، ކޯޕަރޭޓް ސަރވިސެސް، ރެވެނިއު އެޝުއަރަންސް ބިޒްނަސް ކޮންޓްރޯލް އަދި ސޭލްސް އާއި ސްޓޯރސް އެންޑް ޕްރޮކިއުމަންޓް ހިމެނެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލޭގައެއް ނޫނެވެ. މާލޭގެ އިތުރުން އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ލާމު އަތޮޅުގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުންވެސް ޒުވާނުންނަށް މި ފުރުސަތު ލިބިގެންދާނެއެވެ. މީގެއިތުރުން ވަޒީފާގެ މައިދާނަށް މުހިންމު ސޮފްޓް ސްކިލްސްތަކާއި، ވަގުތު މެނޭޖުކުރުމާއި، ޕްރޮޖެކްޓްތައް ރާވައި ހިންގުމުގެ މުހިންމު ހުނަރުތައްވެސް މި ޕްރޮގްރާމްގެ ތެރެއިން ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޒުވާނުން ތަމްރީނުކުރުމަށް ދިރާގުން 2009 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް 312 ޒުވާނުން ވަނީ ބައިވެރިވެފައެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރި ގިނަ ދަސްވެނިން ދަނީ ދިރާގުގެ އިތުރުން ރާއްޖޭގެ މަޝްހޫރު އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ޒިންމާދާރު ވަޒީފާތައް ކާމިޔާބުކަމާއެކު އަދާކުރަމުންނެވެ.

ދިރާގު އެޕްރެންޓިސްޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ނޮވެންބަރު 2026 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މިއަދު އޮންލައިން