ނޮވެމްބަރު 7 އިން ފެށިގެން މޯލްޑިވްސް ގޭހުގެ ގޭސް ފުޅިތަކަށް އަޅައިދޭ މިންވަރު މަދުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ނޮވެމްބަރު 7 އިން ފެށިގެން މޯލްޑިވްސް ގޭހުގެ ގޭސް ފުޅިތަކަށް އަޅައިދޭ މިންވަރު މަދުކުރަނީ

ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން މޯލްޑިވްސް ގޭހުން ވިއްކާ ގޭސް ފުޅިތަކަށް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ. އެ ކުންފުނިން މަޢުލޫމާތު ދެއްވި ގޮތުގައި މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ.

މި ނިންމުމަކީ ޚިދުމަތް މެދުނުކެނޑި އާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އެޅި ވަގުތީ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

- 10 ކިލޯގެ ފުޅި: 7 ކިލޯއަށް ބަދަލުކުރުން

- 22 ކިލޯގެ ފުޅި: 14 ކިލޯއަށް ބަދަލުކުރުން

- 45 ކިލޯގެ ފުޅި: 31 ކިލޯއަށް ބަދަލުކުރުން

މި ބަދަލު ގެނައި ނަމަވެސް، ގޭހުގެ އަގު ބޮޑުނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މޯލްޑިވްސް ގޭހުން ދެއެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި އާންމުންގެ އަތުން އަގު ނަގާނީ ކުރިންވެސް އޮންނަ އުސޫލުގެ މަތިން، ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް މިހާރުވެސް ކަނޑައެޅިފައިވާ ކިލޯ ރޭޓުންނެވެ. އެހެންކަމުން ފުޅިއަކުން ދައްކަންޖެހޭ ޖުމްލަ ފައިސާގެ މިންވަރު ކުޑަވާނީ އެޅިފައިވާ ގޭހުގެ މިންވަރަށް ބަލައިގެންނެވެ.

ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު (ސްޓޯރޭޖް ކެޕޭސިޓީ) އިތުރުކުރުމަށްޓަކައި ޚާއްސަ މަޝްރޫޢުތަކެއް ކުރިއަށްދާ ކަމަށްވެސް މޯލްޑިވްސް ގޭހުން ފާހަގަކުރިއެވެ. އަދި މި މަޝްރޫޢު ނިމުމުން ރާއްޖެއަށް ބޭނުންވާ 3 މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާކުރެވިގެންދާނެ ކަމަށާއި، އޭގެ ސަބަބުން މިފަދަ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

މިއަދު އޮންލައިން