އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު އޮތްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމެވުމުން ހާމަވެގެންދިޔައީ، މި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި ފުރިހަމަ އިތުބާރާއި ޔަޤީންކަން އޮތް މިންވަރު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމާ ގުޅިގެން 'އެކްސް' ގައި ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ވުޒާރާގެ މެންޑޭޓާ ސީދާ ގުޅުމެއް ނެތް އެތައް ސުވާލެއް އަމާޒުވި ނަމަވެސް، ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ފުރިހަމައަކަށް ޙަޤީޤަތް ހާމަކޮށް ތެދުވެރިކަމާއެކު ޖަވާބުދާރީވެވަޑައިގެންފައިވާނެ ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވުމުގައި ދައްކަމުންދަނީ ލާމަސީލު މިސާލެއް ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންނަށް އަބަދުވެސް ދެއްވާ ހަރުދަނާ އިރުޝާދެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މާލީ ޙާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވިޔަނުދީ ސަލާމަތްކުރެވުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤުތިޞާދީ ރޭޓިން މަތިކޮށް، ބައިނަލްއަޤުވާމީ މާލީ އިތުބާރު އަލުން އިޔާދަކޮށްދެއްވުމާއި، ކުރީ ސަރުކާރުތަކުން ވާރުތަވި އިޤުތިޞާދީ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމުގައި އެމަނިކުފާނު އަދާކުރެއްވި ދައުރު ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ޤައުމުގެ އިޤުތިޞާދު ތަރައްޤީވެފައިވާ ޤައުމުތަކުގެ އިޤުތިޞާދާ އެއްސަފަށް ގެންދެވޭނެ ތަޞައްވަރުތައް އެކުލަވާލައްވައި، ޢަމަލީ ސިފަ ގެނެސްދެއްވަން ވަނީ ފައްޓަވާފައި،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މީގެއިތުރުން، މަޖިލީހުގައި މި މައްސަލަ ކުރިއަށްދިޔަ ވަގުތު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުاللهއާއި، ޕީޖީ ލީޑަރު އިބްރާހީމް ފަލާޙުގެ އިތުރުން ޕީއެންސީގެ މަޖިލިސް މެންބަރުން ބެހެއްޓެވި ގާތްކަމަށާއި، ދެއްވި އެއްބާރުލުމާއި އިތުބާރަށްޓަކައި ވަޒީރު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.