އަހުރެމެން މުސްލިމުން މިތިބީ ﷲ ތަޢާލާ ވޮޑިގެންވާކަމާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމާއި ﷲ ތަޢާލާގެ އިޒުނަފުޅާލައިގެން މެނުވީ އެންމެ ހިނދުކޮޅަކަށްވެސް ދިރި ނުތިބެވޭނެކަން ޔަޤީންކޮށްގެންނެވެ.
އަނެއްބައަކު ކަންބޮޑުވަނީ އެމީހުންގެ ލޮލަށް ﷲ ތަޢާލާ ނުފެންނާތީއެވެ. އެމީހުން ބުނަނީ އެމީހުންގެ ލޮލަށް ﷲ ތަޢާލާ ނުފެންނާތީ ﷲ ތަޢާލާއާއިމެދު އެއްވެސް ކަމެއް ޤބޫލުކުރަން ބޭނުންނުވާ ކަމަށެވެ.
އެމީހުންނަށް އަހުރެން މިކުރަނީ ސުވާލެކެވެ. ކަލޭމެންގެ ލޮލަށް އޮކްސިޖަން ފެނޭހެއްޔެވެ؟ އޮކްސިޖަނާއި ނުލައި އެންމެ ހިނދުކޮޅަކުވެސް ދިރިހުރެވިދާނެ ހެއްޔެވެ؟ ލޮލަށް އޮކްސިޖަން ނުފެންނައިރު އޮކްސިޖަނާއި ނުލައި ދިރިނުތިބެވޭނެކަން ޤަބޫލުކުރަނީ ކީއްވެގެން ހެއްޔެވެ؟
މީސްތަކުންނޭވެ! ތިމާއަށް ކަމެއް ނުއެނގުމަކީ އެކަމެއް ނެތުމެއް ނޫނެވެ. ނުއެނގެނީ ތިބާގެ ކިބައިގައި އެވަރުގެ ޢިލްމެއް ނެތީމައެވެ. ﷲ ތަޢާލާ ވޮޑިގެން ނުވާނަމަ މިކައުނެއް ނުއޮންނާނެއެވެ. ދުނިޔެއެއްވެސް ނުއޮންނާނެއެވެ. ދުނިޔޭގައި މީހަކުވެސް ނުހުންނާނެއެވެ. ދިރީއެއްޗެއް ނުވާނެއެވެ. ކޮންމެ އެއްޗެއް އުފައްދަވަނީވެސް ދިރުން ދެއްވަވަނީވެސް ﷲ ތަޢާލާއެވެ.
ބައަކު ޤަބޫލުކުރިޔަސް ނުކުރިޔަސް މަޙްޝަރު ދުވަހާއި ބައްދަލުކުރަން ނުޖެހޭނެ އެކަކުވެސް ނުހުންނާއެވެ. ލޮލަށް ނުފެނިގެން މިއަދު ތިއައުޅޭ ހުރިހާ ކަމެއް އެދުވަހުން ﷲ ތަޢާލާ ދައްކަވާނެތެވެ. ސަލާމަތްކަން ލިބޭނީ ﷲ ތަޢާލާ ޤަބޫލުކޮށް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢަމަލުކުރި މީހުން އެކަންޏެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން