ގޭގަ ނަމާދުކުރިޔަސް ހުއްޓިހުންނަނީ ﷲ ގެ ޙަޟްރަތުގައެވެ! ހެކިވެވަޑައިގަންނަވާނެ މަލާއިކަތުން ތިއްބަވައެވެ! ރީތި، ސާފުތާހިރު ފޭރާންލައި އަދި މީރުވަސްދުއްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ގޭގަ ނަމާދުކުރިޔަސް ހުއްޓިހުންނަނީ ﷲ ގެ ޙަޟްރަތުގައެވެ! ހެކިވެވަޑައިގަންނަވާނެ މަލާއިކަތުން ތިއްބަވައެވެ! ރީތި، ސާފުތާހިރު ފޭރާންލައި އަދި މީރުވަސްދުއްވާށެވެ!

އަހަރެމެންގެ ތެރެއިން ގިނަ އަންހެނުންނަކީ މިސްކިތުގެ ޖަމާޢަތަށް ދާނަމަ ޒީނަތްތެރިވެގެންދާ ބައެކެވެ. ނަމަވެސް ގޭގައި ނަމާދުކުރާނަމަ އެކަމަށް ދޭ ސަމާލުކަން ކުޑަކުރެވެއެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ.  

އެހެނީ މިސްކިތުގައިވެސް ގޭގައިވެސް އަދި ކޮންމެ ތަނެއްގައި ނަމަވެސް ނަމާދަށް ހުއްޓި ހުންނަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. މުޢާމަލާތުކުރަނީ ﷲ ތަޢާލާ އާއިއެވެ. ދަންނަވާ ދެންނެވުންތައް ދަންނަވަނީ ހަމަ މިސްކިތުގައި ވެސް ހުރެގެން ދަންނަވާ ﷲ ތަޢާލާއަށެވެ. ހަމައެއާއެކު ހެކިވެވޮޑިގަންނަވާނެ މަލާއިކަތުން ޙާޒިރުވެވަޑައިގެން ތިއްބަވައެވެ. އަހުރެމެންގެ ލޮލަށް ނުފެންނަނީއެވެ.  

ވީމާ ގޭގައި ނަމާދުކުރި ނަމަވެސް ޒީނަތްތެރިވާށެވެ! ހުވަނދުލާށެވެ! މިސްކިތުގައި ހުއްޓި ހުންނަ ފަދައިން ހުއްޓި ހުންނާށެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!  

ބަދިގޭގައި އުޅެފައި ގޮސް ދޮޅި އަޅާލައިގެން ނަމާދުކުރަން ނުހަދާށެވެ! ހެދުން ބަދަލުކުރަން އުނދަގޫނަމަ ހެދުންމަތިންލާ ފޭރާމެއް ނަމަވެސް ލާށެވެ! ރޭގަނޑު ވެސް ނިދާ ހެދުމުގައި ނަމާދު ނުކުރާށެވެ! ކުރިން ވެސް ބުނިފަދައިން ހެދުންމަތިން ގައުނެއް ނުވަތަ ލިބާހެއް ނަމަވެސް ލައިގެން ނަމާދުކުރާށެވެ. ނަމާދަށް ދޭން ޖެހޭ ސަމާލުކަން ދީގެން ނަމާދުކުރާށެވެ!  

ވިސްނައިލާށެވެ! ސަޖިދައިގައި އޮންނަ ވަގުތަކީ ތިބާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ! އެއިރު ތިބާ ހަޑި ގޮތަކަށް ހުންނަން ބޭނުންވާނެ ހެއްޔެވެ؟

މިބަހުގެ މާނައަކީ އެންމެ އަގުބޮޑު ފޭރާމުގެ ހެދުން ލުމެއް ނޫނެވެ. ސާފުތާހިރު، ނަމާދުކުރަން އެކަށީގެންވާ ފޭރާމެއްގައި ހުރެ ނަމާދުކުރުމެވެ. އެއްވެސް ނުބައި ވަހެއް ނުދުވާ ފޭރާމެއްގައި ހުރެ ނަމާދުކުރުމެވެ. 

ﷲ ތަޢާލާ އަޅަމެން އެންމެން ކުރާ ނަމާދު ޤަބޫލުފުޅު ކުރައްވަވާނދޭވެ! ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ނަމާދުކުރުމުގެ ކުޅަދާނަކަން މިންވަރުކުރައްވަވާނދޭވެ! އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން