އޭއައި ތަރައްޤީކުރުމުގައި ކުދި ޤައުމުތަކުގެ ޙައްޤުތައް ޔަޤީންކުރުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން ބޭނުންވޭ: ނަމްޒާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އޭއައި ތަރައްޤީކުރުމުގައި ކުދި ޤައުމުތަކުގެ ޙައްޤުތައް ޔަޤީންކުރުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން ބޭނުންވޭ: ނަމްޒާ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ކުރިއެރުވުމާއި އެ ނިޒާމުތައް ބެލެހެއްޓުމުގައި ހުރިހާ ފަރާތްތަކެއްގެ ހަމަހަމަ ބައިވެރިވުން އޮންނަންޖެހޭ ކަމަށާއި، ޚާއްޞަކޮށް ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުތަކާއި ބޭނުންތައް ރައްކާތެރިކުރުމަށް ވަރުގަދަ ބައިނަލްއަޤުވާމީ އެއްބާރުލުމެއް ބޭނުންވާ ކަމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއާޕާސަން އާމިނަތު ނަމްޒާ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގގައި ކުރިއަށްދިޔަ 7 ވަނަ ވޯލްޑް މީޑިއާ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ނަމްޒާ ފާހަގަކުރެއްވި ގޮތުގައި، ޓެކްނޮލޮޖީގެ ކުރިއެރުމުގެ ފައިދާ ވަކި ބަޔަކަށް އެކަނި ޚާއްޞަވެގެން ނުވާނެއެވެ. އަދި އޭއައިގެ މަންފާ އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ މުޖުތަމަޢުތަކަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ ދައުލަތްތަކާއި، އީޖާދުވެރިންގެ އިތުރުން މީޑިއާ މުއައްސަސާތަކުގެ މައްޗަށް އޮތް ބޮޑު މަސްއޫލިއްޔަތެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، އޭއައި މެދުވެރިކޮށް ފަތުރަމުންދާ ދޮގު މަޢުލޫމާތާއި، އޭގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންދާކަންވެސް ނަމްޒާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ޒިންމާދާރު އޭއައި ގަވަރނަންސެއް ޤާއިމުކުރުމަކީ ހަމައެކަނި ފަންނީ ކުރިއެރުމަކަށް އަމާޒުކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މި ބަދަލުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ތައްޔާރުކުރުމަކީ މިއަދު ކޮންމެހެން ބޭނުންކުރަންޖެހޭ މުހިންމު ސިޔާސަތެއް ކަމަށްވެސް ޕީއެސްއެމްގެ ޗެއާޕާސަން ވިދާޅުވިއެވެ.

މިއަދު އޮންލައިން