ބަވަނަވަމުން އަންނަ ދުނިޔޭގައި ދިވެހީންގެ އަޤީދާއަށް އަމާޒުވަމުންދާ ހަމަލާތަކާއި ނުރައްކާތަކުން ދިފާޢުވުމަށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި (އެންސީޓީސީ) ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ދެވަނަ ސެޝަން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގައި އިސްލާމީ ތަޢުލީމު ފެތުރުމަށާއި މުޖުތަމަޢު ހޭލުންތެރިކުރުމަށް އެ ޔުނިވަރސިޓީން ކުރަމުންދާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އިސްލާމީ އެއްވެސް މަރުކަޒަކުން ނުވަތަ ޔުނިވަރސިޓީއަކުން ދީނީ ޢިލްމު އުނގެނިވަޑައިގެން ނެތި، ބައެއް ފަރާތްތަކުން އަމިއްލައަށް ފަތުވާ ނެރެ ޅަ ސިކުނޑިތައް ތަޣައްޔަރުކުރަމުން ދިޔުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ ނުރައްކާތެރި ފިކުރުތަކާ ދެކޮޅަށް ތަޢުލީމީ މުއައްސަސާތަކުން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އުނގެނުމަކީ ދީނީ ވާޖިބެއްކަން ފާހަގަކުރައްވަމުން، ލިބޭ ތަޢުލީމާއި ހުނަރު އަބަދުވެސް ބޭނުންކުރަންވާނީ މުޖުތަމަޢަށް ފައިދާހުރި ގޮތެއްގައި ޤައުމު އާރާސްތުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ޤައުމުގައި އިސްލާމީ މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ އިތުރުން، ދިވެހިންގެ މެދުގައި އެއްބައިވަންތަކަމާއި އިސްލާމީ ވަޙުދަތު ރައްކާތެރިކޮށް ދަމަހައްޓައިދޭ މުހިންމު ހިޔާވައްސެއްކަން ވެސް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.