ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މިންވަރަށް ބަލާއިރު، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި އާންމު ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިއަހަރުގެ "ހެލްތު އެންޑް ފެމިލީ އެކްސްޕޯ" ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުމެވެ. އަދި ކުރީގެ އަހަރުތަކާ އަޅައިބަލާއިރު މިއަހަރުގެ އެކްސްޕޯގައި 60 ފަރާތަކުން ބައިވެރިވެފައިވާކަން ފާހަގަކުރައްވައި، މިއީ ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ. މިކަމުން ދަލާލަތުކޮށްދެނީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި މިންވަރު ކަމުގައިވެސް އެ ކަމަނާ ވިދާޅުވިއެވެ.
ރާއްޖޭގެ ޞިއްޙީ ޙާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ދިރިއުޅުމުގެ އާދަކާދަތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް، ކަސްރަތު ކުރުމާއި ރަނގަޅު ކާނާ ބޭނުންކުރުން އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހަދަންޖެހިފައިވާ ކަމަށެވެ. މީގެއިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުމާއި، ޢާއިލީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިންމުކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"އެކި އުމުރުފުރާގެ މީހުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމަށް މަސައްކަތް ކުރުމާއި، ފުރިހަމަ ޞިއްޙަތެއްގައި ނަފްސާނީ ދުޅަހެޔޮކަންމަތީ ދެމިތިބުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް،" ވަޒީރު ޤީލާ ވިދާޅުވިއެވެ.