ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާއި ނިންމެވުމާ އެއްގޮތަށް، މީގެ ކުރިން ފެނަކަ ކޯޕަރޭޝަނުން ޔުޓިލިޓީގެ ހިދުމަތް ފޯރުކޮށްދެމުންދިޔަ ރާއްޖޭގެ ހުރިހާ ރަށެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކޮށް، އެ މަސައްކަތް މިއަދު މުޅިން ނިންމާލައިފިއެވެ. މި ބަދަލާއެކު، ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ހިދުމަތްތައް މިހާރު ވަނީ ރަސްމީކޮށް ސްޓެލްކޯގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ބޮޑު ބަދަލުގެ ދަށުން އެންމެ ފަހު ރަށެއްގެ ގޮތުގައި ހިދުމަތާ ހަވާލުވެ، ސްޓެލްކޯގެ ދިދަ ނަގާފައިވަނީ ލ. ފޮނަދޫގައެވެ. އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ސައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝަރުނީޒެވެ.
މީގެ ކުރިން ސްޓެލްކޯއިން ހިދުމަތް ދެމުން އައީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގައެވެ. އަދި ފެނަކަ އުވާލަން ނިންމުމުގެ ކުރިން ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކުގެ ހިދުމަތްތައްވެސް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. މި ބޮޑު އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލުމަށްޓަކައި ސްޓެލްކޯގެ ޖުމްލަ ހަތަރު ޓީމަކުން އަތޮޅުތެރޭގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައިވެއެވެ.
ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، ރަށްތަކުގެ ހިދުމަތްތަކާ އެ ކުންފުނިން ހަވާލުވުމާއެކު ރައްޔިތުން މި ހިދުމަތްތަކާމެދު ކުރާ އުއްމީދުތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. މިއީ ރައީސް ޑރ. މުއިއްޒުގެ ދުރުވިސްނޭ ސިޔާސަތުތަކުގެ ތެރެއިން ނިންމެވި ނުހަނު މުހިންމު ނިންމެވުމެއްކަން ފާހަގަކުރައްވައި، އެމަނިކުފާނަށް އެމްޑީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ކުންފުންޏާއި މުވައްޒަފުން ފަސްނުޖެހި ބުރަކޮށް މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް އެމްޑީ ދެއްވިއެވެ.
މި ބަދަލާއެކު ރަށްތަކުގެ ހިންގުން ހަރުދަނާކޮށް، ސްޓެލްކޯގެ ފެންވަރުގެ މިންގަނޑުތަކަށް ހިދުމަތްތައް ފެއްތުމަށްޓަކައި އިދާރީ އޮނިގަނޑަށް މިހާރު ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އަދި އަތޮޅުތަކުގެ އިންޖީނުގެތައް އެންމެ ފުރިހަމައަށް ބެލެހެއްޓޭނެ ހަރުދަނާ އޮނިގަނޑެއް އެކުލަވާލައި، އެ އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ.