މަނީ ޗޭންޖިންގ ވިޔަފާރިކުރުމުގެ ލައިސަންސް އޮންނަ ފަރާތްތަކުގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރުމުގެ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޚާއްސަ ޕްލެޓްފޯމެއް ކަމަށްވާ "މަނީ ޗޭންޖަރ ސިސްޓަމް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ނިޒާމު އިފްތިތާހުކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ.
މި އައު ނިޒާމަކީ މަނީ ޗޭންޖިންގ ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ފުރިހަމައަށް ޑިޖިޓަލްކުރުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ސިސްޓަމްގެ ސަބަބުން ގިނަ އިދާރީ މަސައްކަތްތަކެއް އޮޓޮމޭޓްވެ، މަރުކަޒީ ބޭންކާއި ލައިސަންސް ލިބިފައިވާ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް މިހާރަށްވުރެ ބޮޑަށް އަވަސްވެ ފަސޭހަވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
މީގެ އިތުރުން، ފައިސާ މާރުކުރުމުގެ އެންމެހައި މުއާމަލާތްތައް ރެކޯޑްކުރުމާއި، ގަވާއިދުން ފޮނުވަންޖެހޭ މައުލޫމާތާއި ރިޕޯޓްތައް ހުށަހެޅުމުގެ މަސައްކަތް މި ޕްލެޓްފޯމް މެދުވެރިކޮށް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި، މިފަދަ ނިޒާމެއް ޤާއިމުކުރުމަކީ މި ދާއިރާގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމުގައި ލިބިގެންދާނެ ބޮޑު ލުޔެކެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާވެ، ދެފުށް ފެންނަ މިންވަރު އިތުރުވެގެންދާނެއެވެ.
މި ޚިދުމަތް ތައާރަފްކުރުމާ ގުޅިގެން، އަންނަ 1 ޑިސެމްބަރު 2026 އިން ފެށިގެން މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކުންވެސް މުއާމަލާތްތައް ރެކޯޑްކުރުމާއި ރިޕޯޓް ހުށަހެޅުމުގައި ބޭނުންކުރަން ޖެހޭނީ ހަމައެކަނި މި ސިސްޓަމް ކަމަށް އެމްއެމްއޭއިން ވަނީ ކަނޑައަޅާފައެވެ.