ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން ރަށްރަށުގައި ގެދޮރު އިމާރާތްކުރުމަށް ދޫކުރާ "ރަށްވެހި ފައިނޭންސިންގ ސްކީމް" އިން ލިބުނު ފައިސާ މަދުވުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް، އުސޫލުގެ ތެރެއިން ލޯނު ޓޮޕްއަޕްކޮށްގެން ހައްލެއް ހޯދޭނެ ގޮތްތައް ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ 12 ވަނަ އެޕިސޯޑުގައި އާންމު ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމަކާ ގުޅިގެންނެވެ. އެ ޕްރޮގްރާމްގައި ވާހަކަދެއްކި މީހާ ފާހަގަކޮށްފައިވާ ގޮތުގައި، ރަށްރަށުގައި ގެދޮރު އިމާރާތްކުރުމަށް މި ސްކީމުން 1 މިލިޔަން ރުފިޔާ ހަމަޖެހިފައި އޮތް ނަމަވެސް، އެޕްލައިކުރުމުން ލިބިފައިވަނީ 650,000 (ހަ ސަތޭކަ ފަންސާސް ހާސް) ރުފިޔާއެވެ. އެހެންކަމުން އެ އަދަދުން ގެ އިމާރާތްކޮށް ނިންމާލުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ.
މި ކަންބޮޑުވުމާ ގުޅިގެން ރައީސް ވިދާޅުވީ، އެމަނިކުފާނު ކުރިން ވިސްނާފައިވާ ގޮތާއި މިކަން ހިނގާފައިވާ ގޮތް ތަފާތު ކަމަށާއި، މި މައްސަލަ މިނިސްޓްރީ މެދުވެރިކޮށް ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ.
"1 މިލިޔަން ރުފިޔާ ރަށްރަށުގައި އަޅާ ގެތަކަށް މިއޮތީ. 6 ލައްކަ ރުފިޔާއިން ނުނިންމޭނެކަން އަޅުގަނޑަށްވެސް ހަމަ އިނގޭ. އިންކަމްއަށް ބަލާފައި ކުޑަކުރީތޯ ސްޕެސިފިކް ކޭސް ބަލާލާނަން މިނިސްޓްރީ ތުރޫކޮށް. އޮންނަ އުސޫލުގެ ތެރެއިން އިތުރަށް ލޯނު ޓޮޕްއަޕްކޮށްލަން ލިބޭނެތޯ. އެކަން ކުރެވެން އޮތިއްޔާ އޮންނަ އުސޫލުގެ ތެރެއިން އެއްބާރުލުންދޭން ދަންނަވާނަން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ތައާރަފުކޮށްފައިވާ ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގައި ޖުމްލަ ތިން ސްކީމެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ރަށްވެހި ފައިނޭންސިންގ ސްކީމް: ރާއްޖޭގެ އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް (1 މިލިއަން ރުފިޔާ)
- ސަހަރު ފައިނޭންސިންގ ސްކީމް: އަރބަން ސެންޓަރުތަކުން ހުށަހަޅާ ފަރާތްތަކަށް (3 މިލިއަން ރުފިޔާ)
- ފަހިމާލެ ފައިނޭންސިންގ ސްކީމް: މާލެ ސަރަހައްދުން ގޭގެ ބެހެނިވެރިން އެކުވެގެން ހުށަހަޅާ ފަރާތްތަކަށް (6 މިލިއަނުން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް)