ލޮބުވެތި އެކުވެރިންނޭވެ! ﷲ ތަޢާލާ ވަނީ އިސްލާމްދީން ފުރިހަމަ ކުރައްވަވައިފައެވެ. އުނި އިތުރެއް ނުގެނެވޭނެއެވެ. ފައިދާވާނެކަމަށް ބަލައި ކަންކަން އިތުރެއްވެސް ނުކުރެވޭނެއެވެ. އަޅުކަން ކުރަން އަންގަވާފައި އޮތް ގޮތް ބަދަލެއް ނުކުރެވޭނެއެވެ.
ޙައްޖަށް ދާން ބޭނުންވާ މީހުން ގިނަވެ ކިޔޫ ދިގުވެގެން ނުދާ ޤައުމެއް ނެތެވެ. އެހެންކަމާއިއެކުވެސް އިތުރު ދުވަސްތަކެއްގައި ޙައްޖުނުވެވެނީ ﷲ ތަޢާލާގެ އެންގެވުންތައް ބަދަލުނުކުރެވޭނެތީއެވެ. ޙައްޖުވުމަކީ އެންމެ ބޮޑު އަޅުކަމެކެވެ. ކިތަންމެ ކުޑަ އަޅުކަމެއްގައިވެސް ޢަމަލުކުރަން އޮތީ ހަމަ މިގޮތެވެ. ގެނެވޭ ކޮންމެ ބަދަލަކީވެސް ބިދުޢައެކެވެ.
ބިދުޢަވެރި ޢަމަލުތައް ފެތުރި ޢާންމުވެއްޖެއެވެ. އެންމެންގެ ވަށާލައިފިއެވެ. ބިދުޢަވެރި ކަންކަން ޒީނަތްތެރިކުރެވިފައިވާވަރުން އެއީ އެފަދަ ކަމެއްކަން ދެނެގަންނަންވެސް އުނދަގޫވާ ޙާލަތަށް ކަންކަން ހިނގައްޖެއެވެ.
ވީމާ އެފަދަ ޢަމަލުތައް ކުރުމުން ސަލާމަތްވެތިބުމަށް މިފަދަ ދުޢާތައ ކުރައްވަމުން ގެންދާވާށެވެ! އަދި ކިރިޔާ ޝައްކެއްވިނަމަވެސް އެޢަމަލެއް ނުކުރާށެވެ! ޢިމްވެރިންގެ ގާތުންނާއި ޞަޙީޙް ފޮތްތަކުން ބަލައި ޔަޤީންކޮށްފައި ނޫނީ އެއްވެސް އައުކަމެއް އަޅުކަމުގެ ގޮތުގައި ނުކުރާށެވެ!
"ޔާ ﷲ! ބިދުޢަވެރި އެންމެހައި ޢަމަލުތަކުން މިއަޅާ ސަލާމަތްކޮށްދެއްވަވައިފާނދޭވެ! ނުއެނގުމުގެ ތެރެއިން މިއަޅާއަށް އެފަދަ ޢަމަލެއް ކުރެވުނު ނަމަވެސް މިއަޅާއަށް ޢަފޫކޮށްދެއްވަވާނދޭވެ! އިނބަ ﷲ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ޢަމަލެއް ކުރުމަށް މިއަޅާއަށް އިރާދަ ނުކުރައްވަވާނދޭވެ!" އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން