ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް އެންޓީގާ އެންޑް ބާބިއުޑާއިން ފުރާވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް އެންޓީގާ އެންޑް ބާބިއުޑާއިން ފުރާވަޑައިގެންފި

ކޮމަންވެލްތުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި (ޗޮގްމް) ބައިވެރިވެވަޑައިގެންނެވުމަށް އެންޓީގާ އެންޑް ބާބިއުޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފު އެ ޤައުމުން ފުރާވަޑައިގެންފިއެވެ. މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަހުގެ 1 އިން 4 އަށް ކުރިއަށްދިޔަ މި ސަމިޓަކީ ދުނިޔޭގެ އިޤްތިޞާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި މުހިންމު ބައްދަލުވުމެކެވެ. މިއަހަރުގެ ސަމިޓް ކުރިއަށް ގެންގޮސްފައިވަނީ "އެކްސެލެރޭޓިން ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުމުގެ ތެރެއިން މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، ވިލުންތެރިކަން ބިނާކުރުމާއި، ވިޔަފާރި ފުޅާކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް ވަނީ ކޮމަންވެލްތުގެ ބައްދަލުވުން ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންނާއި އެކި ޤައުމުތަކުގެ މަތީ ފަންތީގެ ވަފުދުތައް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިއަދު އޮންލައިން