ރާއްޖޭގައި އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖުކުރާ ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މާލޭގައި ބޭއްވުނު މި ރަސްމިއްޔާތުގައި ދެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު، ފަހުމުނާމާގައި ސޮއިކުރެއްވީ ދެ ވުޒާރާގެ ކަމާބެހޭ ވެރިންނެވެ. މި އެއްބަސްވުމަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށް ދެ ވުޒާރާއިން ފާހަގަކުރެއެވެ.
މި ފަހުމުނާމާގެ ދަށުން، ރާއްޖޭގެ ކަމާބެހޭ ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖިންގ ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ހާއްސަ ތަމްރީނުތަކެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ މައިގަނޑު މަގުސަދަކީ ޖީ.އީ.އެފް ގެ އެހީގައި ކުރިއަށްގެންދާ "އިންޓަގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ އިމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ދަށުން ފޯރުކޮށްދީފައިވާ އިލެކްޓްރިކް ބަސްތަކާއި އެހެނިހެން އުޅަނދުތައް ދިގުމުއްދަތަކަށް ބެލެހެއްޓުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމެވެ.
މިއީ ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށާއި، ދަތުރުފަތުރުގެ ދާއިރާއިން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެއިތުރުން، ކުރިމަގުގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް ބޭނުންވާ ގައުމީ ގާބިލުކަން މި މަސައްކަތުގެ ތެރެއިން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.