ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޒަމާނީ އައު ހެޑް އޮފީސް އިމާރާތް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި، އެ މަޝްރޫޢަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު (އީއޯއައި) މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އޮތް 2,648.40 އަކަމީޓަރުގެ ބިމެއްގައެވެ. މިއީ 60 މީޓަރުގެ އުސްމިނާއެކު ޖުމްލަ 14 ފަންގިފިލާއަށް ބިނާކުރާ އިމާރާތެކެވެ. މީގެ އިތުރުން، ޕާކިންގއަށް ޚާއްޞަކޮށްގެން ބޭސްމެންޓް ލެވެލްގައި ދެ ފަންގިފިލާ ހިމެނޭއިރު، އެތަނުގައި 400 ސައިކަލާއި މަދުވެގެން 65 ކާރު ޕާކުކުރެވޭނެ ޖާގަ ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.
އައު އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ (ގްރައުންޑް ފްލޯ) ޚާއްޞަކޮށްފައިވަނީ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތަކަށާއި ރީޓެއިލް އައުޓްލެޓްތަކުގެ އިތުރުން މުވައްޒަފުންގެ އެކި ބޭނުންތަކަށެވެ. އަދި އިމާރާތުގެ 12 ވަނަ ފަންގިފިލާގައި ހިތްގައިމު ޓެރަހެއް އޮންނައިރު، 13 އަދި 14 ވަނަ ފަންގިފިލާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެގްޒެކެޓިވް ފްލޯތަކުގެ ގޮތުގައެވެ. ހަމައެއާއެކު، ތިމާވެށްޓާ ރައްޓެހި އިއާދަކުރަނިވި ހަކަތައަށް އިސްކަންދިނުމުގެ ގޮތުން އިމާރާތުގެ އެންމެ މަތީގައި ސޯލާ ފާމެއް ޤާއިމުކުރުމަށްވެސް ވަނީ ރާވާފައެވެ.
މަޝްރޫޢުގެ ފައިނޭންސިންގއާ ގުޅޭގޮތުން ބީއެމްއެލުން ހާމަކުރި ގޮތުގައި، އިމާރާތް ކުރުމުގެ ޚަރަދުތަކަށް ފައިސާ ހަމަޖެއްސުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ޑޮލަރުން ފައިނޭންސް ކުރުމަށެވެ. އެގޮތުން މަޝްރޫޢަށް ކުރިމަތިލާ ފަރާތްތަކަކީ އަމިއްލައަށް ފައިނޭންސިންގ ހަމަޖެއްސުމުގެ ޤާބިލުކަން ނުވަތަ ބޭންކެއް އަދި ތިންވަނަ ފަރާތެއް މެދުވެރިކޮށް ފައިނޭންސް ހޯދައިދިނުމުގެ ޤާބިލުކަން ހުރި ފަރާތްތަކަކަށް ވާންޖެހެއެވެ.
ޝައުޤުވެރިކަން ފާޅުކުރުމުގެ މި މަރުޙަލާގައި ހުށަހަޅަންޖެހެނީ ކުރިމަތިލާ ފަރާތުގެ މާލީ ޤާބިލުކަމާއި ފައިސާ ހޯދާނެ މަޞްދަރުތަކުގެ ޚުލާޞާއެކެވެ. މީގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އާރްއެފްޕީ މަރުޙަލާގައި ކޮންސެޕްޓް ޑިޒައިނާއި މަޝްރޫޢުގެ ތަފްޞީލީ މަޢުލޫމާތު ހިއްސާކުރާނެ ކަމަށް ބޭންކުން ބުނެއެވެ. އަދި ލޯނުގެ އަދަދާއި، މުއްދަތު، ގްރޭސް ޕީރިއަޑް އަދި ރަހުނު ފަދަ މާލީ ތަފްޞީލުތައް ހުށަހަޅަންޖެހޭނީ އާރްއެފްޕީ މަރުޙަލާގައެވެ.
މި މަޝްރޫޢަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މި ހިނގާ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.