ޕެންޝަން ފަންޑު މެދުވެރިކޮށް ޙައްޖަށް؛ ދިގު އިންތިޒާރަކަށް އިންޞާފުވެރި ނިމުމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 6ސ
ޕެންޝަން ފަންޑު މެދުވެރިކޮށް ޙައްޖަށް؛ ދިގު އިންތިޒާރަކަށް އިންޞާފުވެރި ނިމުމެއް!

ޙައްޖުގެ މަތިވެރި އަޅުކަމަކީ ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ޢުމުރުން އެއްފަހަރު އަދާކުރުން ފަރުޟު ކުރައްވާފައިވާ މުހިންމު ރުކުނެކެވެ. ދިވެހިރާއްޖޭގެ އެތައް ރައްޔިތުންނެއް މުޅި ޢުމުރު ދުވަހު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ކަޢުބަތުﷲ ގެފުޅަށް ޒިޔާރަތްކޮށް، އެ މަތިވެރި ފަރުޟު އަދާކުރުމެވެ. ނަމަވެސް، ޙައްޖު ދަތުރަށް ދައްކަންޖެހޭ އަގު ބޮޑުވުމާއި، ވަގުތުން ދައްކަންޖެހޭ 69,965 ރުފިޔާ އެއްފަހަރާ ދެއްކުމުގެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އެތައް ބަޔަކަށް މި ފުރުޞަތު އޮންނަނީ ގެއްލިފައެވެ. ޚާއްޞަކޮށް، މުޅި ޢުމުރު ދުވަހު ދައުލަތަށާއި މުޖުތަމަޢަށް ޚިދުމަތްކޮށްފައިވާ ދޮށީ ޢުމުރުގެ ފަރާތްތަކަށް ޙައްޖަށް ދިއުމަކީ ހަޤީޤަތަކަށް ހަދަން އުނދަގޫ ބުރައަކަށް އޮތީ ވެފައެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ތެރެއިން ޙައްޖަށް ދެވޭނެ މަގު މީގެ ކުރިން ޤާނޫނަށް ގެނައި 4 ވަނަ އިޞްލާޙުން ފަހިކޮށްދިން ކަމުގައި ވިޔަސް، އޭރު އެކަން ކޮށްފައިވަނީ ނަމެއްގައެވެ. އޭރުގެ އިންތިޒާމުތައް ހަމަޖައްސާފައި އޮތް ގޮތުން، ޙަޤީޤީ މަންފާ ލިބެންޖެހޭ އެތައް ރައްޔިތުންނަކަށް އެތައް ތަކުލީފުތަކަކާ ކުރިމަތިލާން ޖެހުނެވެ. ވަކިން ޚާއްޞަކޮށް، ވަޒީފާއިން ވަކިވާ ޢުމުރު ކަމުގައިވާ 65 އަހަރުން މަތީގެ ފަރާތްތަކަށް އެ ފުރުޞަތު މުޅިން ބަންދުވެފައި އޮތުމަކީ، އެންމެ ބޮޑަށް އެހީތެރިކަމަށް ބޭނުންވެފައި ތިބި ދޮށީ ޢުމުރުގެ މީހުންނަށް ކުރިމަތިވި ބޮޑު ހިތާމައެކެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިވަނީ ރައްޔިތުންގެ މި ޝަކުވާތަކާއި ތަކުލީފުތަކަށް ކަނުލައި އަޑުއަހައި، ދޮށީ ޢުމުރުގެ ފަރާތްތަކުގެ ދިގު އިންތިޒާރަށް އިންޞާފުވެރި އަދި ދާއިމީ ޙައްލެއް ގެނެސްދީފައެވެ. ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙާއެކު، ޢުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް އެމީހުންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (RSA) ގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖު އަދާކުރުމަށް ކިއުއަށް އެރުމުގެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ. މިއީ މުޅި ޢުމުރު ދުވަހު މަސައްކަތްކޮށް އެއްކުރި ފައިސާއިން އެމީހުންގެ އެންމެ މަތިވެރި ރޫޙާނީ އުންމީދު ޙާޞިލުކޮށްދިނުމަށް މި ސަރުކާރުން ނިންމެވި އިންސާނިއްޔަތުކަން އިސްކުރި، ތާރީޚީ ނިންމެވުމެކެވެ.

މި އައު އުޞޫލުގެ ދަށުން ޙައްޖަށް ދިއުމުގެ ކަންކަން ފަސޭހަކުރުމަށްޓަކައި ޕެންޝަން އޮފީހާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގުޅިގެން ހަރުދަނާ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ. މިގޮތުން، ސްކީމަށް ޝަރުތު ހަމަވަނީ މީގެކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336,000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުންނަ ފަރާތްތަކަށެވެ. މީގެއިތުރުން ހައުސިންގ ކޮލެޓްރަލްއަށް ފައިސާ ބޭނުންކޮށްފައިވާނަމަ، އެ ފައިސާ އުނިކުރުމަށްފަހުވެސް މި ޢަދަދު ހުންނަންޖެހެއެވެ. މި ސްކީމުގެ ދަށުން ޙައްޖު ޕެކޭޖުގެ އަގުގެ 80 އިންސައްތަ ޕެންޝަން ފަންޑުން ހަމަޖައްސައިދޭއިރު، މެންބަރު ދައްކަންޖެހެނީ ބާކީ 20 އިންސައްތައެވެ. މި ފިޔަވަޅުތައް ވެސް ޕެންޝަން އޮފީހުގެ "ކޮށާރު" ޕޯޓަލް މެދުވެރިކޮށް ވަރަށް ލުއިފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.

މިހާތަނަށް ޕެންޝަން ފަންޑު މެދުވެރިކޮށް 369 ފަރާތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައިވާއިރު، މިހާރުވެސް މި ޝަރުޠު ހަމަވާ 24،000 އަށްވުރެ ގިނަ ރައްޔިތުން އެބަތިއްބެވެ. އެހެންކަމުން، މި ބަދަލަކީ އެތައް ހާސް ރައްޔިތުންނަކަށް އޭގެ ސީދާ ފައިދާ ލިބިގެންދާނެ މުހިންމު ބަދަލެކެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ހިންގުމުގެ ނިޒާމަށް ގެނެސްދެއްވި ދެފުށް ފެންނަ، އިންޞާފުވެރި ސިޔާސަތެވެ. ކުރީގެ ބޭއިންޞާފު އުޞޫލުތައް ނިމުމަކަށް ގެނެސް، ފައިސާ ދައްކައި ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ ފުރުޞަތު ދިނުމަށް ވަނީ ނިންމަވާފައެވެ. މިއީ ސިޔާސީ ނުފޫޒާއި ތަފާތުކުރުންތަކުން އެއްކިބާވެ، ޙައްޤުވެރިންނަށް އެމީހުންގެ ޙައްޤު އިސްކަންދީގެން ހޯދައިދިނުމަށް އެޅުނު ނުހަނު އަގުހުރި ފިޔަވަޅެކެވެ.

ޕެންޝަން ފަންޑުން ޙައްޖަށް ދިއުމުގައި ކުރިން އޮތް ހުރަސްތައް ނައްތާލައި، އުމުރުން ދުވަސްވީ ފަރާތްތަކަށް އިސްކަންދީގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފަހިކޮށްދެއްވި މި ނިޒާމަކީ ދިވެހި ރައްޔިތުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހޮރުވައިލި، އިޚްލާޞްތެރި އަދި ނަމޫނާ ޚިދުމަތެކެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވައި، ދޮށީ ޢުމުރުގެ މީހުންނަށް އޯގާތެރިކަމާއި އިޙްތިރާމާއެކު ދިރިއުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގައި މި ސަރުކާރުން ދައްކުވައިދިން މަތިވެރި ނަމޫނާއެކެވެ.

 

މިއަދު އޮންލައިން