މެދުޢުމުރުގެ ދެމަފިރިއަކު ސުޕަމާކެޓަކުން ނުކުތަނާ ރިޕޯރޓަރަކު ސުވާލުކުރިއެވެ. "ކަލޭ ކިތައް އަންހެނުން ގެންގުޅެންތަ؟"
ވިސްނަން އިރުކޮޅަކު ހުރެފައި އޭނާ ބުނީ 2 އަންހެނުން ގެންގުޅޭ ކަމަށެވެ. އެހެންބުނާއިރަށް އަނބިމީހާ ދިއައީ ފުންމައިގެންނެވެ. "މިހުރިހާ ދުވަހު ކުރަމުން އައި ވައްކަން ބޭޒާރުވީ! ގެއަށްވެސް ދެން ނުވައްދާނަން!"
ފިރިމީހާ ދެރަވެލާފައި ބުންޏެވެ! "ލޯބިވާ ކަމަނާއެވެ! އަދި ތިއަ ހިސާބަށް ދާކަށް ނުޖެހޭ ނޫންހެއްޔެވެ؟ އެކަކީ އަހުރެން ވިހައި ގެންގުޅެ ބޮޑުކުރި މައިމީހާއެވެ. ދެވަނަ އަންހެނަކީ ކަންކަމުގެ ޙަޤީޤަތް ނުބަލައި އަބަދު އަހުރެންގެ ބޮލުގަ ރިއްސުވާ އަނބިމީހާއެވެ!"
ފިރިމީހާގެ ޖަވާބު އަޑުއިވުމުން އަނބިމީހާ ވަރަށް ދެރަވިއެވެ. ލޯބިން ފިރިމީހާގެ ގައިގަ ބައްދައިލިއެވެ. އެތަނުގައި ތިބި މީހުންނަށް ބުންޏެވެ. "އާދޭސްކޮށްފައި ބުނަމެވެ. ސޯޝަލްމީޑިއާގައި ބޭޒާރުނުކުރާށެވެ! އަހަރެންނަށް ނުވިސްނުނީއެވެ."
މިއީ އަޅުގަނޑަށް އެކުވެރިއަކު ޝެއާކުރި ހެއްވާމަޖާ ކްލިޕެކެވެ. މިވާހަކަކޮޅު އަޅުގަނޑަށް މާނަކުރެވުނީ ހެއްވާމަޖާ ވާހަކައެއްގެ ގޮތަކު ނޫނެވެ. ކަންކަމުގެ ދެކޮޅު ނުބަލައި ބައިވެރިޔާ ދެކެ ރުޅިއައިސް ބަސްބުނާ ކޮންމެ މީހަކަށް އަގުހުރި ފިލާވަޅެއްގެ ގޮތުގައެވެ.
ރަނގަޅަށް ބަލާށެވެ! ދެމަފިރިންގެ މެދުގައި ޙަޤީޤީ މައްސަލައެއް ޖެހޭނީ ވަރަށް މަދުންނެވެ. ގިނައިން ޖެހޭނީ މިބާވަތުގެ މައްސަލަތަކެވެ. ކަންކަމުގެ ޙަޤީޤަތް ނުބަލައި ރުޅިގަަދކުރެވޭތީ ކުރިމަތިވާ މައްސަލަތަކެވެ. މިއީ ހެއްވާމަޖާ ވާހަކަކޮޅަކަށް އަޅުގަނޑަށް ނުވަނީ އެހެންވެގެންނެވެ.
- ސަމީ / މިއަދުނޫހުގެ ކިޔުންތެރިއެއް