އެއީ އެންމެ ތަނަވަސް މީހުންގެ ތެރޭގައި ހިމެނޭ ޒުވާނެކެވެ. ލޯބީގެ ގޮތުން އެތައް ކުދިންނަކާއި ގުޅިއްޖެއެވެ. ނަމަވެސް ޖެހެނީ ވަކިވާށެވެ. އެއީ އެކުދިން ލޯބިވަނީ އޭނާގެ ކަމަށްނުވެފައި އޭނާގެ ތަނަވަސްކަމަށް ކަމުގައިވާތީއެވެ.
މިހެން އުޅެނިކޮށް އޭނާގެ ސަމާލުކަމަށް އައީ މެދުމިނު ޢާއިލާއެއްގެ އަންހެންކުއްޖެކެވެ. އެކުއްޖާ އާއި ވާހަކަދައްކާނެ ގޮތަކާއިމެދު ވިސްނަމުންގޮސް އެގެއިން މަސައްކަތު މީހެއްގެ ވަޒީފާހޯދައިގެން އެގޭގައި އުޅެންފެށިއެވެ.
އެގޭގައި ތިބެނީ އަންހެން ދެބެއިންނެވެ. އެތަނުން ޢެނާގެ ސަމާލުކަމަށް އައިކަމަށްމިވީ ދައްތައެވެ. އޭނާއަކީ އެއްވެސް މީހަކަށް ރަޙުމްކުރާ އަންހެނެއް ނޫނެވެ. ގޭގައި ގެންގުޅޭ 2 އަންހެނުނަނަށާއި އޭނާއަށްވެސް ބުނަނީ ހަރުކަށި ނުބައި ބަސްތަކެވެ. ކޮންމެ ކަމަކަށް ބޭނުންވިޔަސް ކުރަނީ ގަދަ އަމުރެވެ. އޭނާ ދެކޭ ގޮތުގައި ނޯކަރުންނަކީ އަޅުންނެވެ. އެމީހުންނަށް ޤަދަރުކޮށްގެންނުވާނެއެވެ.
ކޮއްކޮ ދިމާ އިދިކޮޅެވެ. އަބަދުވެސް ހުންނަނީ ހިނިތުންވެގެންނެވެ. ނޯކަރުންނާއި މުޢާމަލާތުކުރަނީވެސް ވަރަށް މަޑުމައިތިރިކަމާއިއެކުގައެވެ. ނޯކަރުންނަށް އޭނާގެ ދައްތަ އިހާނެތިކޮށް ކަންކަން ކުރުމުން ދައްތަގެފަރާތުން މާފަށްވެސް އެދެއެވެ.
ދުވަސްކޮޅެއްވީތަނާ ކޮއްކޮ އެޒުވާނާދެކެ ލޯބިވާން ފަށައިފިއެވެ. އެލޯބި މަޑުމަޑުން ދިރެމުން އައިސް އެންމެ ފައްކާވުމުން މަންމައާއި ބައްޕަގެ ގާތުގައި އެވާހަކަ ބުނެ ކައިވެނިކޮށްދިނުމަށް އެދިއްޖެއެވެ. ދެމިފިރިން ވަރަށް ވިސްނުމަށްފަހު ކައިވެނިކޮށްދޭން އެއްބަސްވުމުން ދައްތަ ނުކުރާ ފުރައްސާރައެއް ނެތެވެ. އޭނާފަދަ ފަޤީރު މީހަކާ ކައިވެނިކުރާތީއެވެ.
އެންމެންނަށް ބޮޑު ސިހުމެއް ލިބުނީ ކައިވެނީގެ ޙަފްލާއަށް ޒުވާނާގެ ބައްޕައާއި މަންމަ ޢާއިލާގެ މީހުން ގޮވައިގެން އައުމުންނެވެ. އެމީހުން އެންމެ އަގުބޮޑު ކާރުތަކުގައި އައުމުން އެންމެންނަށްވެސް ލިބުނީ ސިހުމެކެވެ. އެންމެ ސްމާޓް ހެދުމުގައި އެންމެ ޢިއްޒަތުގައި އައިސް ގެއަށް ވަނުމުން މަރުޙަބާ ކިޔަންވެސް ތިބީ ނުއެނގިފައެވެ.
އެވަޤުތު "ކޮއްކޮ" ވާން އުޅޭ ފިރިމީހާ ޢާއި ސުވާލުކުރިއެވެ. "އެއީ ހަމަ ތިބާގެ މައިންބަފައިން ހެއްޔެވެ؟" ޖަވާބުގައި އާނއެކެވެ ބުނުމުން ބުންޏެވެ. "އޮޅުވާލަން ވަރަށް މޮޅުދޯއެވެ! އަޅެ ނޯކަރަކަށް ހެދިގެން މިހުރިހާ ދުވަހު އެންމެ ހަޑި މަސައްކަތް ކުރީ ކީއްވެގެން ހެއްޔެވެ؟" ޒުވާނާ ބުންޏެވެ. "އެކަން އެގޮތަށް ނުކުރިނަމަ ދެމީހުންގެ ކައިވެނި ނުކުރެވުނީހެވެ. ތިބާގެ ހުރި ރަނގަޅުކަމެއް ނުއެނގުނީހެވެ. މިއީ އަހުރެންގެ މަސްގަނޑު ދެކެ ލޯބިވާ އަންހެނަކު ހޯދަން ކުރި މަސައްކަތެވެ. ދެން އޮތްބައި ފަހުން ކިޔައިދޭނަމެވެ."
ކައިވެނީގެ ރަސްމިއްޔާތު ނިމުމުން އެންމެންވެސް ހީކުރީ ޒުވާނާ އޭނާގެ އަނބިމީހާ ގޮވައިގެން ދާނީ ކަމަށެވެ. ނަމަވެސް ޒުވާނާ ނިންމީ އަނބިމީހާގެ މައިންބަފައިން ކުރިން ނިންމާފައި އޮތް ގޮތަށް ކަންތައް ކުރާށެވެ. އެއީ އެމީހުންނަށްޓަކާ ތައްޔާރުކުރި ކޮޓަރީގައި އެރޭ ތިބުމެވެ. އެކަމުގެ ހިތްހަމަޖެހުން މައިންބަފައިންނަށް ހޯދައިދިނުމަށެވެ.
ހެނދުނު ސައިބޮއި ނިމިގެން އެންމެން އެކުގައި ތިބެފައި ބައްޕަ ސުވާލުކުރިއެވެ. "ނޯކަރަކަށް ވެގެން މިގޭގައި ތިއަހާބުރަކޮށް މަސައްކަތްކުރީ ކީއްވެގެން ހެއްޔެވެ؟" ޖަވާބުގައި ދަނބިދަރިފުޅު ބުންޏެވެ. "ތިއައީ ވަރަށް ބޮޑު ސުވާލެކެވެ. އަނބިމީހާވެސް ރޭ ހަމަ ތިއަ ސުވާލުކުރިއެވެ. ފަހުން ކިޔައިދޭނެ ކަމަށް ބުނީމެވެ. އެހެންވެ މިކިޔައިދެނީއެވެ. ބައްޕަގެ ވިޔަފާރީގައި އިސްކޮށް މަސައްކަތްކުރަނީ އަޅުގަނޑެވެ. އެހެންވެ އަޅުގަނޑަކީ ތަނަވަސް މީހަކުކަން އެންމެންނަށްވެސް އެނގެއެވެ. އެެހންވެ ހޯދުނު ކޮންމެ ލޯބިވެރިއަކުވެސް ލޯބިވީ އަޅުގަނޑު ދެކެއެއް ނޫނެވެ. އަޅުގަނޑުގެ ތަނަވަސްކަން ދެކެއެވެ.
ދެން އޮތީ މިގެއަށް އަންނަން ޖެހުނު ގޮތެވެ. އަޅުގަނޑުގެ ސަމާލުކަމަށް އައީ ކޮއްކޮއެއް ނޫނެވެ. ދައްތައެވެ. ނޯކަރަކަށްވެގެން އައީ އޭނާގެ އަޚްލާޤް ދަސްކުރުމަށެވެ. ކޮއްކޮ ދެކެ ލޯބިވެވުނީ އޭނާގެ ރިވެތި އަޚްލާޤް ފެނިފައެވެ. ނިކަމެތިންގެ އަގުވަޒަންކުރާތީއެވެ. ދެން އިތުރަށް މިވާހަކަ ނުދައްކަމާ ހިނގާށެވެ! ދެންވެސް ކަމެއް ވިސްނި ދައްތަގެ ބޮޑާކަމާ ކިބުރުވެރިކަން ދޫކޮށްލާނެކަމަށް ހީކުރަމެވެ.
ބައްޕާއެވެ! މަންމާއެވެ! އަޅުގަނޑުމެން ހަނީމޫނަށް ފުރަން ހުއްދަ ދެއްވާށެވެ! ބައްޕަ ވަނީ ހުރިހާ އިންތިޒާމުތަކެއް ހަޖައްސައިދީފައެވެ. ހަވީރު 4 ޖަހާއިރު ފުރަން ހަމަޖައްސާފައިވަނީ ބައްޕަގެ ޖެޓުގައެވެ. ދުނިޔެ މަތީގެ ސުވަރުގެ ކަމަށްބުނާ މޯލްޑިވްސްއަށެވެ."
ޒުވާނާގެ ވާހަކަ ނިމުނުއިރު ދައްތަ އިނީ މިލައި މޯޅިވެފައެވެ. މޫނުމަތި ފެންނަނީ މައްޔިތެއް ފަދައިންނެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. އެންމެ ބޮޑަށް އަޅައިގަތީ ދުނިޔޭގައި ރާއްޖެ މަޝްހޫރުވެފައިވާވަރު ވިސްނުމުންނެވެ. ޙާދިސާޢަށް ބަލައިފިނަމަ މިއީ ކިބުރުވެރި ބޮޑާ ކޮންމެ މީހަކަށްވެސް އަގުހުރި ފިލާވަޅެކެވެ. ކިބރުވެރި ބޮޑާ ގިނަ ބައަކަށް ކުރަންޖެހޭ ތަޖުރިބާއެކެވެ.
- ޝާއިން / މިއަދުނޫހުގެ ކިޔުންތެރިއެއް