އިޚްލާޞްތެރި އަޅަކަށް ނުރައްކަލެއް ކުރިމަތިވެގެން ސަޖިދަކޮށް ދުޢާކޮށްފިނަމަ ވަޤުތުން ޢިޖާބަކުރައްވަވާކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
އިޚްލާޞްތެރި އަޅަކަށް ނުރައްކަލެއް ކުރިމަތިވެގެން ސަޖިދަކޮށް ދުޢާކޮށްފިނަމަ ވަޤުތުން ޢިޖާބަކުރައްވަވާކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-

ﷲ ތަޢާލާގެ ދީލަތިވަންތަކަން ކިތަންމެހައިވެސް ބޮޑެވެ. ދެއްވަވާ ނިޢުމަތްތައް ވަރަށް ގިނައެވެ. ކުރާ ދުޢާ ޢިޖާބަކުރައްވަވަތެވެ. މިހުރިހާ ކަންކަން ޙާޞިލުކުރަންވެސް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެކަމަށް ޝަރުޠުތަކެއް ނުވަތަ އަހުރެމެންވެސް ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެއިގެ ތެރެއިން އެންމެ މުހިންމު ކަމަކީ އިޚްލާޞްތެރިވެ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ. އެޝަރުޠު ފުރިހަމަކުރުމާއިއެކު ކުރާ ދުޢާ ވަޤުތުންވެސް ޢިޖާބަކުރައްވަވަތެވެ. މިގެނެސްދެނީ އެފަދަ ޙާދިސާއެއްގެ ވާހަކައެވެ.  

ކޮލެޖާއި ޔުނިވަރސިޓީގައިވެސް ދެމީހުން އުޅުނީ ދެލޯބިވެރިންގެ ގޮތުގައެވެ. ނަމަވެސް ގައިގައި އަތްލުން ފަދަ ކަންކަމެއް ނުކުރަމެވެ. އެކަން ބާއްވާފައި އޮތީ ކައިވެންޏަށްފަހު ކުރާ ކަމަކަށް ހަދާށެވެ. އެކަމަށް ލޯބިވެރިޔާ ނުވެސް އެދެއެވެ. އެހެންވެ ހުރެވުނީ އޭނާއަށް ވަރަށް ބޮޑަށް އިތުބާރުކޮށްގެންނެވެ.

ޔުނި ނިމި ވަޒީފާ އަދާކުރަން ފެށިފަހުން ދެމީހުން އެކަނިވެސް ބައްދަލުކުރަމެވެ. ގިނައިން ބައްދަލުކުރަނީ މަސައްކަތްނިމިގެން ގެއަށް ދިއުމުގެ ކުރިން ހަވީރުގެ ވަޤުތުތަކުގައެވެ. ރޭގަނޑު ބައްދަލެއް ނުކުރަމެވެ. މަސައްކަތްކުރަމުން ދިއައީ ފައިސާކޮޅެއް ޖަމާކޮށް ވީހާ އަވަހަކަށް ކައިވެނިކުރާށެވެ.  

އެއްދުވަހަކު ހަވީރު ކޮފީއަކަށް ދިއައީ މެހްމާނުން ތިބޭ ބޮޑު ހޮޓަލަކަށެވެ. ކޮފީ ނިމިގެން ނުކުންނަން އުޅެމުން ލޯބިވެރިޔާ ބޭނުންވީ ހޮޓަލުގައި ހުރި އޭނާގެ ގާތް އެކުވެރިއަކާއި ބައްދަލުކޮށްލަން އޭނާގެ ކޮޓަރިއަށްދާށެވެ. ހިތުގައި ނުބައި ކަމަކަށް ޝައްކެއްވެސް ނެތުމުން އެކަމަށް އެއްބަސްވީމެވެ. 

އެކުގައި ގޮސް ދޮރުގައި ޓަކިޖަހާލުމާއިއެކު ދޮރުހުޅުވައި އެތެރެއަށް ވަނެވެ. ފަހަތުން އަހުރެންވެސް ވަނީމެވެ. ވަދެވުމާއެކު ދޮރު ތަޅުލައިފިއެވެ. ބައްދަލުކުރަން އައި އެކުވެރިޔާ ކޮބައިތޯ ސުވާލުކުރުމުން ޖަވާބު ނުދިނުމުން ހިތުގައި ނުތަނަވަސްކަން އުފެދުނެވެ.  

ޖަވާބުނުދީ ހުރެފައި އޭނާ ގޮސް އެނދުގައި އޮށޯވެފައި ބޭނުންވީ އަހުރެންވެސް އޮށޯންނާށެވެ. އެހިސާބުން ބިރުގަތެވެ. އެނދުގައި އޮށޯތުމުގެ ބަދަލުގައި އަހުރެންކުރީ ސަޖިދައެވެ. 5 މިނިޓެއްހައިއިރު ސަޖިދައިގައިއޮވެ ކުރިމަތިވާން މިއުޅޭ ނުރައްކަލުން ސަލާމަތްކުރައްވައި ދެއްވެވުން އެދި ދުޢާކުރުމަށްފަހު ތެދުވިއިރު އޭނާހުރީ ހުސްގައާއެވެ.  

އަހުރެންނަށް ރޮވެންފެށިއެވެ. އަދި މިހައިތަނަށް އޮތް އިތުބާރު ނަގައިނުލުމަށާއި ކައިވެނިކުރެވެންދެން މަޑުކޮށްލަން އެދި އާދޭސްކުރަން ފެށީމެވެ. އޭނާ ހުރީ އަހުރެންގެ އާދޭހުގެ އަޑުއަހާ ގޮތަކަށް ނޫނެވެ.  

އެވަޤުތު މީހަކު ދޮރުގައި ޓަކިޖެހުމުން އޭނާ އަވަސްއަވަހަށް ގޮސް ފާޚާނާއަށް ވަންވަޤުތު ބިސްމިﷲ ކިޔައި ދޮރުހުޅުވިއިރު ކުރިމަތީގައި ތިބީ ހޮޓަލުގެ ދެ މުވައްޒިފެކެވެ. ލިބުނު ފުރުޞަތުގައި އަވަސްއަވަހަށް ދޮރުން ނުކުމެގެން ގޮސް ލިފްޓަށްއަރައިގެން ފައިބައިގެން ގެއަށް ދިއައީއެވެ.  

އެއިގެ ފަހުން އޭނާގެ ފޯނަކަށް ޖަވާބެއް ނުދެމެވެ. ފޮނުވާ މެސެޖެއްވެސް ނުކިޔަމެވެ. އަދި އެންމެ ރައްކައުތެރި ގޮތަކީ އަވަހަށް ކައިވެނިކުރުން ކަމަށް ބަލައި އަހުރެންނާއި ގުޅެން ކުރިންސުރެ ބޭނުންވެގެން ހުރި އެހެން ޒުވާނަކާއި ކައިވެނިކުރީއެވެ.  

ކައިވެނީގައި މިހާރު 3 އަހަރުވެއްޖެއެވެ. ދުޢާއަކީ މިހާރުވެސް މިއުޅޭފަދައިން އުފާވެރިކަމުގައި ޢުމުރު ހޭދަކޮށްލަން ލިބުމެވެ.  

އަންހެނަކު އޭނާގެ ފޭސްބުކްގައި ލިޔެފައިވާ މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށް މިލީ ޢިބްރަތަކަށް ފުދޭނެ ކަމަށެވެ. އަދި މިފަދަ ޙާލަތު ކުރިމަތިވާ އަންހެނުންނަށް އެމީހުންވެސް މިފަދައިން ޢަމަލުކުރަން ހިތްވަރުދިނުމަށެވެ.

 

- ވަޖްދާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން