ޢިލްމް އުނގެނެވޭނެ މަގު ދެއްކެވުން އެދިގެން ދުޢާކުރާ މީހާއަށް މަގެއް ދައްކަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ޢިލްމް އުނގެނެވޭނެ މަގު ދެއްކެވުން އެދިގެން
ދުޢާކުރާ މީހާއަށް މަގެއް ދައްކަވާނެ!

\

ﷲ ތަޢާލާ ޤުރްއާނުން ފުރަތަމަ ބާވައިލެއްވެވި ވަޙީބަސްބަސްފުޅަށް ވިސްނައިލާށެވެ! ވަޙީކުރެއްވެވީ އީމާންވުމަކަށް ނުވަތަ އަޅުކަންކުރުމަކަށް ނޫނެވެ. ކިޔެވުމަށެވެ. "އިޤްރައު" މިފަދައިންނެވެ.

﴿1﴾ اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

"ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ."

ޢިލްމް އުނގެނެން ބޭނުންވިޔަސް ބައެއް މީހުންނަށް ދަތިތައް ކުރިމަތިވެއެވެ. ފިލާވަޅު ދަސްކުރަން އުނދަގޫވުމެވެ. ތަނަވަސްކަން ކުޑަވުމެވެ. މިފަދަ އެތައް ހުރަސްތަކެއް ކުރިމަތިވެއެވެ. ވީމާ އަހުރެމެންނަށް އޮތީ މަގުފަހިކޮށްދެއްވެވުން އެދިގެން ދުޢާކުރުމެވެ.  

މިގެނެސްދެނީ ޢިލްމް އެނގެނުމަށް މަގުފަހިކޮށްދެއްވެވުން އެދިގެން ދުޢާކުރަމުންދިއަ ކުއްޖަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކައެވެ.

އަހުރެން ނިޞްބަތްވަނީ އެފްރިކާގެ ޤައުމަކަށެވެ. އެޤައުމުގެވެސް އެންމެ ނާތަހްޒީބް އެއްއަވަށަށެވެ. އެހެންކަމުން ރަނގަޅު ފެންވަރަކަށް އިސްލާމީ ތަޢްލީމް އުނގެނުމުގެ ފުރުޞަތެއް ނުލިބެއެވެ.  

ޕްރައިމަރީ ގެރޭޑްތަކުގައި ކިޔަވަމުންދިއައިރުވެސް އަހުރެންގެ އެންމެ ބޮޑު އިސްލާމަކީ އިސްލާމީ ތަޢްލީމުން މަތީ ފެންވަރަށް ކިޔެވުމެވެ. ކިޔަވައިގެން އިސްލާމް ދީނަށް ޚިދުމަތްކުރުމެވެ. އެހެންވެ އެކަމަށް އެދިގެން ކުރާނެ ދުޢާއަކަށް އެދުރުންނާއި ސުވާލުކުރުމުން ބުނަނީ ހަމައެއް ދުޢާއެކެވެ. އެއީ:  

ربِّ زِدْنِي عِلْماً 

ވަރަށް ކުރުކުރު ދުޢާއެކެވެ. ހަނދާންކުރަންވެސް އެހައި ފަސޭހައެވެ. ކޮންމެއަކަސް މިދުޢާ ކުރުމުގައި އަހުރެން ޘާބިތުވީމެވެ. ވަކިވަޤުތަކު ނޫނެވެ. ހަނދާންވާއިރަށް ދުޢާކުރަމެވެ.

ދިގުކުރަން އަހުރެންގެ މުޅި ޙަޔާތުގެ ހުރިހާ ވާހަކަތަކެއް ނުދައްކައި ކުރުކޮށްލާނަމެވެ. އަހުރެންގެ ޢުމުރަކީ މިހާރު 22 އަހަރެވެ. އަހުރެން ކިޔަވަމުން މިގެންދަނީ މަދީނާ ޔުނިވަރސިޓީގައެވެ.

ބައެއް މީހުންނަށް ވިސްނެނީ މަތީ ތަޢްލީމް ޙާޞިލުކުރުމުގެ ފުރުޞަތު ލިބެނީ ތަނަވަސްކަން ހުރުމުން ކަމަށެވެ. އެއީވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. އެހެން މިބުނަނީ އަހުރެންގެ މައިންބަފައިންނަކީ އަވަށުގެ އެންމެ ފަޤީރު މީހުންގެ ތެރޭގައި ހިމެނޭ ބައަކަށްވާތީއެވެ.

އަހުރެން ޤަބޫލުކުރާ ގޮތުގައި އަހުރެންނަށް ކިޔެވުމުގެ ކަންކަން ފަހިވެ މިހިސާބަށް އާދެވިފައި މިހުރީ އުންމީދާއި ޔަޤީންކަމާއިއެކު އަހުރެން ކުރަމުން އައި ދުޢާގެ ސަބަބުންނެވެ. އަހުރެން އެދެނީ ޢިލްމް އުނގެނެން ބޭނުންވާ އެންމެންވެސް އެކަމަށް އެދި ދުޢާކުރުންމަތީގައި ދެމިތިބުމަށެވެ. އެއިރުން އެމީހަކަށް މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ

 

--މަދީނާގައި ކިޔަވަމުން އަންނަ ދަރިވަރެއް

މިއަދު އޮންލައިން