އޯޒޯން މުއާހަދާތައް ތަންފީޒުކުރުމުގައި އެންމެންގެ ބައިވެރިވުން ކަށަވަރުކުރުމަށް ރާއްޖެއިން ގޮވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
އޯޒޯން މުއާހަދާތައް ތަންފީޒުކުރުމުގައި އެންމެންގެ ބައިވެރިވުން ކަށަވަރުކުރުމަށް ރާއްޖެއިން ގޮވާލައިފި

އޯޒޯން ފަށަލަ ހިމާޔަތްކުރުމާ ގުޅޭ ބައިނަލްއަޤްވާމީ މުއާހަދާތައް ތަންފީޒުކުރުމުގައި، ހުރިހާ ޤައުމުތަކެއްގެ ބައިވެރިވުން ޔަޤީންކޮށް، އެ ޤައުމުތަކުގެ ބޭނުންތަކަށް ރިޢާޔަތްކުރުމުގެ މުހިންމުކަން ރާއްޖެއިން ފާހަގަކޮށްފިއެވެ.

މިކަމަށް ގޮވާލައްވާފައިވަނީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުން (އެމް.އޯ.ޕީ 38) ގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުން، މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަލީ ފާރިސް ޔޫސުފް އެވެ.

ސްޓޭޓް މިނިސްޓަރ ޢަލީ ފާރިސް ދެއްވި ބަޔާނުގައި، އޯޒޯން މުއާހަދާތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި އެންމެހައި ޤައުމުތަކުގެ ބޭނުންތައް ދެނެގަނެ، އެކަންކަމަށް އިޖާބަދެވޭނެ ފަދަ އިންސާފުވެރި ނިޒާމެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި މަލްޓިލެޓަރަލް ފަންޑުގެ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި އަދި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމަށާއި، އައު ޓެކްނޮލޮޖީތައް ފޯރުކޮށްދިނުމާއި، ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ. ވަކިން ޚާއްޞަކޮށް، ހަކަތަ މަދުން ބޭނުންކުރާ އަދި ދުނިޔެ ހޫނުވުމަށް ބާރުއަޅާ މިންވަރު ކުޑަ (ލޯ ގްލޯބަލް ވާމިންގ ޕޮޓެންޝަލް) ވަސީލަތްތަކަށް ބަދަލުވުމަށް ބާރުއެޅުމުގެ މުހިންމުކަން ރާއްޖޭގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށް ވުމާއެކު، މޫސުމީ ބަދަލުތަކުންނާއި އޯޒޯން ފަށަލައަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އަންނަނީ އިސް ދައުރެއް އަދާކުރަމުންނެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން