14 ކޮޓަރީގެ އައިސޮލޭޝަން ފެސިލިޓީއެއް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ޤާއިމުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
14 ކޮޓަރީގެ އައިސޮލޭޝަން ފެސިލިޓީއެއް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ޤާއިމުކުރަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި 14 ކޮޓަރީގެ ޒަމާނީ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، އަންނަ އަހަރުގެ ކުރީކޮޅަށް އެ މަސައްކަތް އެއްކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބިނާކުރާ ފެސިލިޓީ ފަރުމާކޮށްފައިވަނީ، ޢާންމު ޙާލަތްތަކުގައި ޕްރައިވެޓް ރޫމްތަކެއްގެ ގޮތުގައިވެސް ބޭނުންކުރެވޭ ގޮތަށެވެ. މީގެ އިތުރުން މި ޢިމާރާތުގައި 800 މީހުންގެ ޖާގައިގެ ކޮންވަރޓިބަލް ކަރަންޓީނު ފެސިލިޓީއަކާއި ޒަމާނީ އޮޑިޓޯރިއަމެއް ހިމެނެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަލްޓެކް މޯލްޑިވްސްއާ ޙަވާލުކޮށްފައިވަނީ ފެބްރުވަރީ 14 ގައެވެ. އަދި އެ ކުންފުނިން އެތަނުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މާރިޗު 29 ގައެވެ.

މިއީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ މާލީ އެހީތެރިކަމާއެކު، މިނިސްޓްރީ އޮފް ހެލްތުން ހިންގާ "މޯލްޑިވްސް ކޯވިޑް-19 އިމަރޖެންސީ ރެސްޕޯންސް އެންޑް ސިސްޓަމް ޕްރިޕެއާރޑްނެސް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މިއަދު އޮންލައިން