ށ. ޅައިމަގަށް މިއަދު ހެނދުނު އެރި ބާރުގަދަ ނަގޫރޯޅިއެއްގެ ސަބަބުން އެ ރަށުގެ 25 އަށް ވުރެ ގިނަ ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ. މީގެއިތުރުން، ވައިގެ ތެރެއަށް ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްގެން މިހާރު ދަނީ ސިއްހީ ފަރުވާ ދެމުންނެވެ.
ޅައިމަގު ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި ނަގޫރޯޅި އަރާފައިވަނީ މިއަދު ހެނދުނު 6:45 ހާއިރެވެ. މި ހާދިސާއާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވެ ރަށުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. ނަމަވެސް، މިހާރު އެ ވިލާގަނޑު ކެނޑި، މޫސުން އާންމު ހާލަތަކަށް އެޅިފައިވާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
މި ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު ދެނެގަތުމުގެ މަސައްކަތް ކައުންސިލުން މިހާރު އަންނަނީ ކުރަމުންނެވެ. އަދި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ގުޅިގެން ކުއްލި މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވެސް އެ ކައުންސިލުން މައުލޫމާތުދެއެވެ.