ލޯނު ދޫކުރާ މިންވަރު މަހުން މަހަށް އަންނަނީ އިތުރުވަމުން: އެމްއެމްއޭ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ލޯނު ދޫކުރާ މިންވަރު މަހުން މަހަށް އަންނަނީ އިތުރުވަމުން: އެމްއެމްއޭ

މާލީ އިދާރާތަކުން އަމިއްލަ ފަރާތްތަކަށާއި ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ އަދަދު މި އަހަރު ފެށުނީއްސުރެ މެދުކެނޑުމެއްނެތި އިތުރުވަމުން އަންނަކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ މަންތުލީ ސްޓެޓިސްޓިކްސް ރިޕޯޓަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ކޮންމެ މަހަކުވެސް ދޫކުރި ލޯނުގެ މިންވަރު ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން ޖަނަވަރީ މަހު 41 ބިލިޔަން ރުފިޔާގައި ހުރި ޖުމްލަ ލޯނުގެ އަދަދު، ސެޕްޓެންބަރު މަހުގެ ނިޔަލަށް ވަނީ 47 ބިލިޔަން ރުފިޔާއަށް އުފުލިފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޖަނަވަރީ މަހު 41 ބިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާއިރު، ފެބުރުވަރީ އަދި މާރިޗު މަހު އެ އަދަދު ހުރީ 42 ބިލިޔަން ރުފިޔާގައެވެ. އޭޕްރީލް އަދި މޭ މަހު 43 ބިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، ޖޫން މަހު އެ އަދަދު ވަނީ 44 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އަދި ޖުލައި މަހު 45 ބިލިޔަން ރުފިޔާ، އޮގަސްޓް މަހު 46 ބިލިޔަން ރުފިޔާ އަދި ސެޕްޓެންބަރު މަހު 47 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައިވަނީ ސެޕްޓެންބަރު މަހު ކަމަށްވާއިރު، އެ މަހު އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ އިގްތިސާދުގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް އެކަނިވެސް 15 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.

ދެވަނައަށް އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ އިމާރާތްކުރުމުގެ ސިނާއަތަށެވެ. އެ ދާއިރާއަށް 11 ބިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އަމިއްލަ ނުވަތަ ޕާސަނަލް ބޭނުންތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ހުރީ 9 ބިލިޔަން ރުފިޔާގައެވެ.

މި ރިޕޯޓުން ދައްކާގޮތުގައި މާލީ އިދާރާތަކުން ލޯނުގެ އެހީ އެންމެ ކުޑަކޮށް ދޫކޮށްފައިވަނީ ދަނޑުވެރިކަމުގެ ސިނާއަތަށެވެ. އެ ދާއިރާއަށް ދޫކޮށްފައިވަނީ އެންމެ 20 މިލިޔަން ރުފިޔާއެވެ.

މިއަދު އޮންލައިން