ކުދި ޖަޒީރާ ގައުމުތަކުގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުން މުހިންމު: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކުދި ޖަޒީރާ ގައުމުތަކުގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުން މުހިންމު: ވަޒީރު ޝިޔާމް

ޗައިނާގެ ހައިނާން ޕްރޮވިންސްގެ ސަންޔާގައި ކުރިއަށްދާ 7 ވަނަ "ސިމްޕޯޒިއަމް އޮން ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަރނަންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ވާހަކަފުޅު ދައްކަވާފައިވަނީ "ޝެއާރޑް ކޮމިޓްމެންޓްސް އެންޑް ކަލެކްޓިވް އެކްޝަން: އެން އޯޝަން އޮފް އޮޕޮޗުނިޓީސް ފޯރ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް" މި މައުޟޫއުގެ ދަށުންނެވެ.

މި ސިމްޕޯޒިއަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށާއި، ކަނޑުގެ ދިރާސާތައް ފުޅާކުރުމަށާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވުމުގެ އިތުރުން ހަމަހަމަ އުސޫލުތަކެއްގެ މަތިން ކަނޑުތައް ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ވިޔަފާރި އިތުރަށް ހަރުދަނާވެ، ރަށްރަށުގެ ދިރިއުޅުމާއި ބައިނަލްއަގުވާމީ ބާޒާރުތައް ގުޅުވާލުމަށް ލިބިގެންދާ ފުރުސަތުތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ދުނިޔޭގެ ވެރިން ވެވަޑައިގަންނަވާ ވައުދުތައް އަމަލީ ގޮތުން ފެންނަ ނަތީޖާއަކަށް ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މަސްވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، ބާނާ މަހުގެ އަގު ހިފެހެއްޓޭނެ ފަދަ ވަސީލަތްތައް ތަރައްގީކުރުމާއި، ދިވެހި ޒުވާން ދިރާސާވެރިންނަށް ސައިންސާއި ދިރާސާގެ ދާއިރާއިން އިތުރު ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމަށާއި، ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމަށާއި، ރަށްރަށުގެ މުޖުތަމައުތަކަށް މަންފާކުރާނެ ދެމެހެއްޓެނިވި ކަނޑުގެ އިގުތިސާދެއް ބިނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

މިއަދު އޮންލައިން