ޗައިނާގެ ކޫލްފްލައިން ކުންފުނިން އުފައްދާފައިވާ، މީހުންނާއެކު ދަތުރުކުރާ ޑްރޯން ނުވަތަ އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން (އީވީޓޯލް) އުޅަނދު ރާއްޖޭގައި ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ. ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޒަމާނީ އުޅަނދު ދައްކާލާފައި ވަނީ އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ ގުޅިގެން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގުޅޭ ސަރަހައްދުގައެވެ.
މި ހަރަކާތުގެ ތެރެއިން މި އުޅަނދު ވައިގެ ތެރެއަށް އުދުއްސާލުމަށްފަހު، އަލުން ބިމަށް ޖައްސާ މަންޒަރު އާންމުންނަށާއި ކަމާބެހޭ ފަރާތްތަކަށް ވަނީ ދައްކާލާފައެވެ. ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި ކަމާގުޅޭ އިދާރާތަކަށް އިލެކްޓްރިކް އޭވިއޭޝަން ބޭނުންކުރެވިދާނެ ދާއިރާތައް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި ރާއްޖޭގައި މިފަދަ އުޅަނދުތައް ބޭނުންކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑާއި، ސަލާމަތީ ފިޔަވަޅުތަކާއި، އިންފްރާސްޓްރަކްޗަރ އަދި ފަންނީ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށް މި ޑެމޮންސްޓްރޭޝަން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ ޖަޒީރާވަންތަ ގުދުރަތީ އޮނިގަނޑަށް ބަލާއިރު މިފަދަ އުޅަނދުތަކުގެ ބޭނުން ހިފިދާނެ މުހިންމު ދާއިރާތަކެއް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި:
- އަވަސް ޚިދުމަތްތައް: ރާއްޖޭގެ އެކި ރަށްރަށަށް އަވަހަށް ބޭސް ފޯރުކޮށްދިނުން.
- ސިއްހީ އެހީތެރިކަން: ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުން (މެޑިކަލް އިވެކުއޭޝަން).
- ތިމާވެށި: ތިމާވެށްޓާ ގުޅޭ އެކި އިންސްޕެކްޝަންތައް ކުރިއަށްގެންދިއުން.
މީގެ އިތުރުން، މި ޓެކްނޮލޮޖީގެ ސަބަބުން ރާއްޖޭގައި އައު ސިނާއަތްތައް ތަރައްގީވެ، ވަޒީފާގެ އައު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
މި ހަރަކާތަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ގައި ބޭއްވުނު ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ކުރެވުނު މަޝްވަރާތަކަށްފަހު، ރާއްޖެއާއި ޗައިނާއާ ދެމެދު އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ބަދަހިވަމުން އަންނަ ގުޅުމުގެ ދަށުން ކުރިއަށްގެންދިޔަ ކާމިޔާބު ހަރަކާތެކެވެ.
https://x.com/MoEDmv/status/2118754211030532212/video/1