އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި އޮޓޮމޭޓެޑް ނިޒާމުތަކުގެ ސަބަބުން ސައްހަ މައުލޫމާތު ވަކިކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ދޮގު ޚަބަރާއި ނުބައި މައުލޫމާތާ ދެކޮޅަށް މުޅި ދުނިޔެ އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ ބެއިޖިންގގައި ކުރިއަށްދާ 7 ވަނަ ވޯލްޑް މީޑިއާ ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއަހަރުގެ ސަމިޓުގެ ޝިއާރު ކަމަށްވާ "ހިކުމަތްތެރި ޒަމާނުގައި މީޑިއާ: އިއްތިފާޤުވުމުން ޢަމަލީ މައިދާނަށް" މި ބަހަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ، މިއީ އިތުބާރުހުރި ބައިނަލްއަޤުވާމީ މީޑިއާގެ ނިޒާމެއް ބިނާކުރުމަށްޓަކައި އެންމެން ގުޅިގެން ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ.
މިހާރު އާންމުން އުފައްދާ އެކި ބާވަތުގެ ކޮންޓެންޓްތައް ވަރަށް ބޮޑަށް މަގުބޫލުވެފައިވީ ނަމަވެސް، އެފަދަ އުފެއްދުންތަކުގައި ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުތަކާއި އުސޫލުތައް ހިފަހައްޓަމުން ނުދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އޭގެ ސަބަބުން އޮޅުވާލައިގެން ފަތުރާ ވާހަކަތަކާއި ހަގީގަތާ ޚިލާފު މައުލޫމާތުގެ ޝިކާރައަކަށް އާންމުން ވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ޒަމާނުގައި، ނުބައި މަޢުލޫމާތާއި، އޮޅުވާލުމަށް ފަތުރާ މަޢުލޫމާތުގެ އިތުރުން ދޮގު ޚަބަރުގެ ނުރައްކާ ފުޅާދާއިރާއެއްގައި އޮތްކަން އަޅުގަނޑުމެން ސާފުކޮށް ގަބޫލުކުރަންޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ނުރައްކާތަކާ ދެކޮޅަށް ތެދުވެ، މުޖުތަމައުތަކަށް ލިބޭ ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި މުޅި ދުނިޔެ އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މީޑިއާގެ ވަސީލަތްތައް ތަރައްގީވެފައިވަނީ އެކި މިންވަރަށްކަން ފާހަގަކުރައްވަމުން، މި ދާއިރާއިން ކުރިއެރުން ހޯދުމުގައި ގައުމުތަކުން އެކަކު އަނެކަކަށް އެހީތެރިވާންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މައުލޫމާތާއި އިލްމު ބަދަލުކުރެވޭނެ މަންސަތައް ގާއިމުކޮށް، ޒަމާނީ މުވާސަލާތީ ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޗައިނާގެ ޝިންހުއާ ނޫސްއެޖެންސީން ދުނިޔޭގެ މީޑިއާތައް އެއްގަލަކަށް އެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، މުސްތަގުބަލު ރައްކާތެރިކުރުމަށްޓަކައި މީޑިއާ ދާއިރާގެ އެންމެހާ ފަރާތްތަކުން ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑު އެންމެ މަތީ ދަރަޖައިގައި ހިފަހައްޓައި، ބޭނުންވާ ތަމްރީނުތައް އިތުރުކުރުމަށް މިނިސްޓަރ އިބްރާހިމް ޚަލީލް އިރުޝާދުދެއްވިއެވެ.