ރޭ ހުޅުމާލޭގައި ރަސްމީކޮށް ހުޅުވި "މަންހަޓަން ގްރޭންޑް ހޮޓެލް" އަކީ އަލަށް ޢިމާރާތް ކުރެވުނު ތަނެއް ނޫނެވެ. ވިއްސަކަށް އަހަރުވީ ޢިމާރާތެކެވެ. ފާއިތުވި އެއްވެސް ސަރުކާރަކުން އެޢިމާރާތުން ދައުލަތަށް އާމްދަނީއެއް ހޯދަން މަސައްކަތްކޮށްފައެއް ނުވެއެވެ. ޢިމާރާތުގެ ވެރިފަރާތް އެސްޓީއޯއަށް ފުރުޞަތު ނުދިންތަނުގައި އަބަދުވެސް އައީ ހުރަސްތައް ކުރިމަތިކުރުވަމުންނެވެ.

ރައްޔިތުންނަށް ޚިދުމަތްކުރެވޭނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެވިގެންކަމަށްވާތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން އެޢިމާރާތް ފެންވަރު ރަނގަޅު ހޮޓަލެއްގެ ގޮތުގައި ހުޅުއްވެވިކަން އަންގައިދެނީ ކުރީގެ ހުރިހާ ރައީސުންނަށްވުރެ އެމަނިކުފާނުގެ އިޤްޠިޞޯދީ ވިސްނުންފުޅު ރަނގަޅު ކަމެވެ.

އެސްޓީއޯގެ ގުދަނަކަށް އެތަންހުރި ހުރުން ނިމުނީއެވެ. ދެން ކުއްޔާއި ޓެކްސް ދައުލަތަށް ލިބޭނެއެވެ. އެކަމުގެ ސަބަބުން ޤައުމުގެ އިޤްޠިޞޯދަށް ކުރިއެރުން ލިބި އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރާނެއެވެ. ތަނުގައި މިހާރުވެސް 100 އަށްވުރެ ގިނަ މުވައްޒިފުން އެބަތިއްބެވެ. އެއިގެ ތެރެއިން ދެބައިކުޅަ އެއްބައަކީ ދިވެހިންނެވެ. އެހެންކަމުން ދިވެހިންގެ އެތައް ބައަކަށް އެވަނީ ވަޒީފާލިބިފައެވެ. އެމީހުންނަށާއި އެމީހުންގެ ޢާއިލާތަކަށް އެކަމުން ފައިދާކުރާނެއެވެ.

ޤައުމުގެ އިޤްޠިޞޯދާއި ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވަވާ ސަމާލުކަމުގެ ބޮޑުކަމާއި އެކަމުން ޤައުމަށާއި ރައްޔިތުންނަށް ކުރަމުން އަންނަ ފައިދާތައް މިހާރުވެސް މިއަންނަނީ ފެންނަމުންނެވެ. މިޙަޤީޤަތްތަކަކީ ލޮލަށް ފެނި އަތުން ހިފެންހުރި ކަންކަމެވެ.

ރައްޔިތުންނަށް ތަނަވަސްކަން އިތުރުކުރެވޭނެ ގޮތް ރީތި ޢިބާރާތުން ކިޔައިދޭ މީހުން ވަރަށް ގިނައެވެ. އިޤްޠިޞޯދީ މާހިރުންކަމަށް ދަޢުވާކުރާ މީހުންވެސް ވަރަށް ގިނައެވެ. ސުވާލަކީ އެމީހުންނަށް ވެރިކަމުގެ ބާރުތައް ލިބުމުން އެކަންކަން ނުކުރީ ކީއްވެގެންތޯއެވެ؟ ރީތި ޢިބާރާތުން މޮޅުވާހަކަތައް ދެއްކީމާ ޤައުމުގެ އިޤްޠިޞޯދު ވަރުގަދަވެ ރައްޔިތުންނަށް ތަނަވަސްކަން އިތުރުވޭތޯއެވެ؟

ކުރު މުއްދަތެއްގައި ގުދަނެއް، ކޮންކްރީޓް ގުދަނެއް، "މަންހަޓަން ގްރޭންޑް ހޮޓެލް" އަކަށް ބަދަލުވުގެންދިއައީ ރައީސް ޑރ. މުޢިއްޒު އެކަމަށް ދެއްވެވި ސަމާލުކަމުގެ ސަބަބުންކަމަށްވުމުން މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ރައީސް ޑރ. މުޢިއްޒު ދެއްވާ ސަމާލުކަންވެސް އެނގިގެންދިއަ ކަމެކެވެ.

ރާއްޖެއަށް ބޭނުންވަނީ މޮޅަށް ވާހަކަދައްކާ މީހުންނެއް ނޫނެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ފުދުންތެރިކަން އިތުރުކޮށްދެއްވާނެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފަދަ އިޚްލާޞްތެރި ވެރިއެކެވެ.
ގުޅުންހުރި ލިޔުމެއް!:
މާލެ ސަރަހައްދުގެ ފަތުރުވެރިކަމާއި އިޤްތިޞާދީ ޙަރަކާތްތައް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި ތަރައްޤީކުރި ފަސްތަރީގެ އެންމެ ބޮޑު އެއް ހޮޓާ ކަމަށްވާ "މަންހަޓަން ގްރޭންޑް ހޮޓެލް" ރަސްމީކޮށް ހުޅުވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މި ހޮޓެލް ހުޅުވައިދެއްވީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރެވެ.

ހުޅުމާލެ ފޭސް 1 ގެ ނިމޭތާނގައި ޤާއިމުކޮށްފައިވާ މި ހޮޓަލަކީ 162 ކޮޓަރީގެ ޖާގަޔާއެކު، 4 ރެސްޓޯރެންޓާއި ޒަމާނީ ގިނަ ޚިދުމަތްތަކެއް އެއް ތަނަކުން ލިބޭގޮތަށް ފަރުމާކޮށްފައިވާ ފެންވަރު ރަނގަޅު ތަނެކެވެ. މީގެ އިތުރުން، ތަފާތު އިވެންޓްތަކާއި ޖަލްސާތައް ބޭއްވުމަށް ހާއްސަކޮށްގެން ޖާގަ ތަނަވަސް 3 މާލަން މަންހަޓަންގައި ހިމެނެއެވެ.

މި ހޮޓާ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، ހޮޓަލުގެ މެނޭޖްމަންޓުގެ ފަރާތުން ވަނީ ވަޒީރު ޙަސަން ޒަރީރަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.

އެސްޓީއޯއިން ސިޓީ ހޮޓަލެއްގެ ގޮތުގައި ހިންގަން އެޅި އިމާރާތް "މަންހަޓަން ގްރޭންޑް" ގެ ނަމުގައި ތަރައްގީކޮށް ނިންމާފައިވަނީ "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަޝްރޫޢު ޙަވާލުކުރެވުނީ މިދިޔަ އަހަރުގެ މެއި މަހު ކަމަށްވާއިރު، އެޗްޑީސީން ހާމަކޮށްފައިވާގޮތުގައި "ވޯލްޑް އޮފް ބިޒްނަސް" އިން މި ހޮޓާ ހިންގާނީ 50 އިންސައްތައިގެ ފޮރިން އިންވެސްޓްމަންޓަކާ އެކުގައެވެ. އަދި މި މަޝްރޫޢަށް ފައިނޭންސްކޮށް އިންވެސްޓްކޮށްފައިވަނީ ޔޫ.އޭ.އީގެ ކުންފުންޏެއް ކަމަށްވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިންނެވެ.

12 އެއަރލައިނެއް މި ހޮޓަލާއެކު އެގްރިމަންޓް ހެދުމަށް ހަމަޖެހިފައިވާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް މުހިންމު ދައުރެއް އަދާކުރާނެ ތަނެކެވެ.