އެޗް.އެފް.ސީ މަދުކުރުމާއެކު ފިނިކުރާ ނިޒާމުތަކުގެ ހަކަތަ އިތުރުކުރަންޖެހޭ: ސްޓޭޓް މިނިސްޓަރު އަލީ ފާރިސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
އެޗް.އެފް.ސީ މަދުކުރުމާއެކު ފިނިކުރާ ނިޒާމުތަކުގެ ހަކަތަ އިތުރުކުރަންޖެހޭ: ސްޓޭޓް މިނިސްޓަރު އަލީ ފާރިސް

ހައިޑްރޯފްލޯރޯކާބަންސް (އެޗް.އެފް.ސީ) ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، ފިނިކުރާ ނިޒާމުތަކުގެ ހަކަތައިގެ އެފިޝަންސީ (ހަކަތަ ބޭނުންކުރެވޭ މިންވަރު) ރަނގަޅުކުރުމުގެ މަސައްކަތް ވެސް އެކުއެކީގައި ކުރިއަށްދާންޖެހޭ ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރު އަލީ ފާރިސް ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރު މިހެން ވިދާޅުވީ ދާދިފަހުން ބޭއްވުނު "ފްރެންޑްސް އޮފް ދަ ކިގާލީ އެމެންޑްމަންޓް މިނިސްޓީރިއަލް ބްރެކްފަސްޓް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ފާރިސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެންމެ ފުރިހަމަ ފައިދާއެއް ހޯދޭނީ އެޗް.އެފް.ސީ ފަދަ ގެދަނބުޅި ގޭސްތައް ބޭނުންކުރުން މަދުކުރުމުގެ އިތުރުން، ފިނިކުރުމަށް ބޭނުންކުރާ ވަސީލަތްތަކަކީ މަދު ހަކަތައަކުން ބޮޑު ނަތީޖާއެއް ނެރެދޭ ތަކެތި ކަމުގައި ހަދައިގެން ކަމަށެވެ.

މީގެއިތުރުން، މި ބަދަލުތައް ގެންނައިރު އެންމެންނަށް ވެސް ފަސޭހަކަމާއެކު އަތްފޯރާ އަގެއްގައި ފިނިކުރާ ނިޒާމުތައް ލިބެންހުރުމުގެ މުހިންމުކަން ވެސް ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށާއި، ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިޔުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އިސްނަގައިގެން އަބަދުވެސް ވަކާލާތުކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން މި ބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން