އެއާޕޯޓް ޓެކުހާއި ފީން ލިބުނު އާމްދަނީ %6.8 އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
އެއާޕޯޓް ޓެކުހާއި ފީން ލިބުނު އާމްދަނީ %6.8 އިތުރުވެއްޖެ

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %6.8 އިތުރުވެ، ޖުމްލަ 3.3 ބިލިޔަން ރުފިޔާއަށް އަރައިފިއެވެ. މިކަން ހާމަވެފައިވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުންނެވެ.

މާލީ ވުޒާރާގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 1.64 ބިލިޔަން ރުފިޔާ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.54 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %6.4ގެ ކުރިއެރުމެކެވެ.

ޑިޕާޗަރ ޓެކުހުގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް މަތިވެފައެވެ. އެގޮތުން އޭޑީއެފްގެ ގޮތުގައި ދައުލަތަށް 1.68 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.56 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %7.6ގެ އިތުރުވުމެކެވެ.

މި ދެ ބައި އެއްކޮށްލުމުން، މިދިޔަ މަހުގެ 29ގެ ނިޔަލަށް ޖުމްލަ 3.32 ބިލިޔަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެއާޕޯޓް ޓެކުހާއި ފީން ދައުލަތަށް ލިބިފައިވަނީ ޖުމްލަ 3.11 ބިލިޔަން ރުފިޔާއެވެ.

މިއަދު އޮންލައިން