ޢާއިޝަތު ރަފާޙް ޢަލީ
ފިރިމީހާ އެންމެ ބޭންކް އެކައުންޓެއް ގެންގުޅުމަށް މަޖުބޫރުކުރާ އާއިލާތައް ވެސް އުޅެއެވެ. އަދި އެ އެކައުންޓުގެ ކޯ-ސައިނަރުންނަކީ (ހުއްދަ ދޭ މީހުންނަކީ) މައިންބަފައިންނެވެ. އަދި އަނބިމީހާއަށް ކޮންމެ ހަފްތާއަކު ލިބެނީ މަދު މިންވަރެކެވެ. އެކަން އޮންނަންޖެހޭ ގޮތަކީވެސް މިއެއް ނޫނެވެ.
ތިބާއަށް އެހެންނެއް ނުހެދޭނެއެވެ. ތިބާ އަނބިމީހާއާ ކައިވެނިކުރީ އޭނާގެ ބައްޕަގެ ކިބައިން އޭނާގެ ވަލީވެރިޔާގެ މަޤާމާ ޙަވާލުވެގެންނެވެ. އަދި އޭނާގެ ބައްޕަ ކުރިން އޭނާއަށް އަދާކޮށްދިން މަސްއޫލިއްޔަތުތައް މިހާރު ތިބާގެ މައްޗަށް ވާޖިބުވެއެވެ. ނަމަވެސް މިހާރު ގޭތެރޭގައި އޭނާއާމެދު ކަންތައް ކުރަނީ ދެވަނަ ދަރަޖައިގެ ރައްޔިތެއްގެ ގޮތުގައެވެ. ނުވަތަ ތިބާގެ މައިންބަފައިންނަށް، ނުވަތަ ތިބާގެ އުޚްތުންނަށް، ނުވަތަ އެހެން މީހަކަށް ޚިދުމަތްކުރާ ނޯކަރެއްގެ ގޮތުގައެވެ. މިއީ ވަރަށް ޙައިރާންކުރަނިވި، ޢަޖައިބުވާފަދަ ކަމެކެވެ. އަދި މިއީ ޤިޔާމަތް ދުވަހުން ތިބާއާ ސުވާލުކުރެވޭނެ ކަންކަމުގެ ތެރެއިން ކަމެކެވެ.
އަނެއްކޮޅުން، މީގެ އަނެއް ހައްދުފަނައެޅުންވެސް އެބައޮތެވެ. އެހެންކަމުން އެއް ހައްދަކީ، ޅީދަރިން ނޯކަރުންނަށް ހެދުމެވެ. މިއީ އިސްލާމްދީނުގައި އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަދި އަނެއް ހައްދަކީ، އަނބިން، ނުވަތަ ފިރިންވެސް، އެމީހުންގެ އިން-ލޯސް (ފިރިމީހާގެ/އަނބިމީހާގެ އާއިލާ) ދެކެ އިންތިހާއަށް ނުރުހުންވެ، އެމީހުންނާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވުމެވެ. "އަހަރެން އެމީހުންގެ މޫނުވެސް ދެކެން ބޭނުމެއް ނޫނެވެ." "އެމީހުން މިގެއަށް އަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ." "ތިބާ ތިޔަ މަންމަގެ ގެއަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ." "ތިބާ އެމީހުންނާ ވާހަކަދައްކާކަށް އަހަރެން ދުވަހަކުވެސް ބޭނުމެއް ނޫނެވެ." "އަހަރެން އެމީހުން ދެކެ ފޫހިވެއެވެ." "އަހަރެންނަކަށް އެމީހުންނާއެކު ނޫޅެވޭނެއެވެ." މިއީ ފިރިމީހާގެ އާއިލާއާ އޮންނަ ގުޅުން އިންތިހާއަށް ދުރުކޮށްލުމެވެ.
މިއީވެސް ހައްދުފަނައެޅުމެކެވެ. އަދި މިއީވެސް އަނިޔާވެރިކަމުގެ ސިފައެކެވެ. އެއީ އޭނާގެ މައިންބަފައިންނެވެ. އޭނާގެ މައްޗަށް އެމީހުންގެ ހައްޤުތަކެއްވެއެވެ. އެމީހުންގެ ކާފަ/މާމަ ދަރިން ދެކެން އެމީހުންނަށް ފުރުޞަތު ލިބެންޖެހޭނެއެވެ. އެމީހުން ގެއަށް އަންނައިރު މައްސަލަތަކެއް ޖެހިދާނެތީ ބިރުގަންނަން ނުޖެހޭނެއެވެ. ނުވަތަ އެމީހުން ތިބުމުން ތިބާގެ މޫނުމަތިން ނުރުހުންތެރިކަން ފާޅުކޮށްގެން ނުވާނެއެވެ. މިއީ މިހާރު ތިބާގެ ފަރާތުން ދެވޭ އަނިޔާއެކެވެ. ސަބަބަކީ، ފިރިމީހާއަށް އޮތް ލޯބި، ތިބާ އޭނާގެ އާއިލާއަށް އަޚްލާޤީ ރީތި އާދަތައް ދައްކަންޖެހޭނެއެވެ. އަޚްލާޤީ ރީތި ގުޅުމާއި އިޙްތިރާމެވެ. އެހާވަރެވެ. ނަމަވެސް، ފިރިމީހާއަށް ތިބާގެ މައްޗަށް (އޭނާގެ އާއިލާއަށް ޚިދުމަތްކުރުން ފަދަ) ކަންކަން މަޖުބޫރެއް ނުކުރެވޭނެއެވެ.
މިއީ، އެހެން މީހުންނަށް ބިރުވެރިކަމެއް ނުވަތަ ޙައިރާންކަމެއް ނުލިބޭނެ ގޮތަށް ބުނާނަމަ، ކޮންމެ މުސްލިމަކުވެސް އަނެކާއަށް އަދާކުރަންޖެހޭ އަސާސީ އަޚްލާޤީ ސިފަތަކެކެވެ. އާއިލީ ގުޅުމުން ގުޅިފައިވާ މީހުންގެ ވާހަކަ ދައްކާނީވެސް ކީއްކުރަންހެއްޔެވެ؟ އަހަރެމެން ވާންޖެހޭނީ އާއިލާގެ އެހެން މުޢާމަލާތްތަކުގައި އެންމެ ހެޔޮ މީހުންނަށެވެ. އާނއެކެވެ، މިފަދަ އޮޅުންބޮޅުންތައް ޚާއްޞަކޮށް ހިނގަނީ "ޖޮއިންޓް ފެމިލީ" (އެކުގައި އެއްގެއެއްގައި އުޅޭ އާއިލީ) ޙާލަތްތަކުގައެވެ. މިއީ ޔަޤީނުންވެސް އޮޅުންބޮޅުން ބޮޑު ޙާލަތްތަކެކެވެ. އެހެން ޘަޤާފަތްތަކުގެ ތެރެއިން، ޚާއްޞަކޮށް ދެކުނު އޭޝިޔާގެ ޘަޤާފަތުގައި، އެންމެން އެއް ފުރާޅެއްގެ ދަށުގައި އުޅުމާއި، ފައިސާގެ ކަންކަން މައިންބަފައިން ކޮންޓްރޯލްކުރުމާއި، އަދި ރަނގަޅު އަތްބަކަށް ވުމަށްޓަކައި އަނބިމީހާ މިވެނި އެވެނި ކަމެއް ކުރަންޖެހުމާއި، މި ހުރިހާ ކަމަކަށް ކެތްކުރަންޖެހުމަކީ ވަރަށް ބޮޑަށް އިސްކަންދެވޭ ކަންކަމެވެ. މިފަދަ ކަންކަން ވަރަށް ގިނަ އާއިލާތަކަށް ކާމިޔާބެއް ނުވެއެވެ. އަދި އެކަން ކާމިޔާބު ނުވާނަމަ، އުޚްތުންނޭވެ، އަހަރެން ތިޔަބޭފުޅުންގެ ކައިވެނި ރޫޅާލާކަށް ނޭދެމެވެ. ނަމަވެސް، މިއީ ޔަޤީނުންވެސް ވާހަކަދައްކައި މަޝްވަރާކުރަންޖެހޭ ކަމެކެވެ.
ސަބަބަކީ މިއީ އިސްލާމީ ގޮތެއް ނޫނެވެ. ޢާއިލީ ނިންމުމެއްގެ ގޮތުގައި ތިޔަބޭފުޅުން އެކަން ކުރިކަމުގައި ވިޔަސް، "މިއީ އިސްލާމްދީން ބޭނުންވާ ގޮތް" ކަމަށް ބުނެ އެކަމުގެ ފަހަތުގައި ނުފިލާށެވެ. މިއީ އިސްލާމްދީން ބޭނުންވާ ގޮތެއް ނޫނެވެ، މިއީ ތިޔަބޭފުޅުންގެ އާއިލާއިން ބޭނުންވާ ގޮތެވެ. އާއިލާއެއްގެ ގޮތުގައި ތިޔަބޭފުޅުން ވަކި އެއްބަސްވުންތަކަކަށް އަންނަންޖެހެއެވެ.
- ޑރ. ނޫމާން ޢަލީޚާންގެ ދަރުސަކުން