ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ޑިޖިޓަލް އަދި އޭއައި ތަމްރީނު ޕްރޮގްރާމެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 3ސ
ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ޑިޖިޓަލް އަދި އޭއައި ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު "މޯލްޑިވްސް 2.0" ގެ ދަށުން ކުރިއަށްގެންދާ "ޑިޖިޓަލް ފޯރ އޯލް" ކެމްޕޭނުގެ ތެރެއިން، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށްގެން ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަން ފަށައިފިއެވެ.

މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޯޕަރޭޝަން (މައިންޑްކޯ) ގެ އިލްމާއި އީޖާދީ ހުނަރު ތަރައްގީކުރުމުގެ ގޮފި ކަމަށްވާ ފިއުޗަރ އިންސްޓިޓިއުޓުން ކުރިއަށްގެންދާ "ޑިޖިޓަލް އެންޑް އޭއައި އެސެންޝަލްސް" މި ތަމްރީނަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ. ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ފުރަތަމަ ބެޗުގެ ތަމްރީނުތައް ހުސްވި ހަފުތާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންގޮސްފައިވާއިރު، ދެވަނަ ބެޗުގެ ތަމްރީނުތައް މި މަހުގެ 8 އަދި 9 ވަނަ ދުވަހު ކުރިއަށްދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ތަމްރީނުތަކުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި 130 އަށް ވުރެ ގިނަ ބޭފުޅުން މިހާތަނަށް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ އަމަލީ މަސައްކަތުގެ މާހައުލުގައި ބޭނުންހިފޭނެ ހުނަރުތަކަށެވެ. އެގޮތުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި އޭއައި ޓޫލްސް ބޭނުންކުރާނެ ގޮތްތަކާއި، އޭއައިގެ އެހީގައި މުއާމަލާތް ކުރުމާއި، އޭއައި އިން އުފައްދާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ އިތުރުން ފަހުގެ ޓެކްނޮލޮޖީތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމުގެ މައްޗަށް ބައިވެރިން އަހުލުވެރިކުރެވެއެވެ. މީގެ އިތުރުން ޓެކްނޮލޮޖީ ބޭނުންކުރުމުގައި ދިމާވެދާނެ ނުރައްކާތައް ދެނެގަތުމާއި، އިންސާނީ ވިސްނުމާއި ޖަވާބުދާރީވުން ދެމެހެއްޓުމުގެ މުހިންމުކަން ވެސް މި ތަމްރީނުތަކުގައި ފާހަގަކުރެއެވެ.

އަލަށް ތައާރަފުވަމުން އަންނަ އީޖާދީ ޓެކްނޮލޮޖީތަކަށް އަހުލުވެރިވުމަށް ބޭނުންވާ އިލްމާއި ހުނަރު ސަރުކާރުގެ ކޮންމެ މުވައްޒަފަކަށްވެސް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ރޯޑްމެޕްގެ 7 ވަނަ ތަނބުގެ މުހިންމު އަމާޒެކެވެ. މައިންޑްކޯ އިން ހާމަކުރި ގޮތުގައި، ޑިޖިޓަލް ސަރުކާރެއް ބިނާކުރުމުގެ ކާމިޔާބީ ބިނާވެފައިވަނީ ނިޒާމުތައް ތައާރަފުކުރުމުގެ އިތުރުން، އެ ވަސީލަތްތައް ބޭނުންކުރާ މުވައްޒަފުންގެ ކިބައިގައި އެކަށޭނަ ގާބިލުކަމާއި އަމަލީ ހުނަރު ހުރުމުގެ މައްޗަށެވެ. މިއަހަރު ނިމުމުގެ ކުރިން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަ މުވައްޒަފުންނަށް މި ތަމްރީން ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ.

ސިޔާސީ މަގާމުތަކުގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށްގެންވެސް މި ކެމްޕޭން އަންނަނީ ހިންގަމުންނެވެ. އެގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަދި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުން މި ތަމްރީނުގައި ވަނީ ބައިވެރިވެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު މި ތަމްރީނުތައް ފެށި ފަހުން، މިހާތަނަށް ދައުލަތުގެ 8 މުއައްސަސާއަކުން 600 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.

"ޑިޖިޓަލް ފޯރ އޯލް" ގައުމީ ކެމްޕެއިން ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އެންޑް ހަޔަރ އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ބެއްލެވުމުގެ ދަށުން، މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ރެގިއުލޭޓަރީ އިރުޝާދުތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތިރާޖީ ނިންމެވުންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މިއަދު އޮންލައިން