ފަހި ޕޭ މެދުވެރިކޮށް ފަވަރައިގެ ޚިދުމަތް ދިނުމަށް އެމްއެމްއޭއާއެކު ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ފަހި ޕޭ މެދުވެރިކޮށް ފަވަރައިގެ ޚިދުމަތް ދިނުމަށް އެމްއެމްއޭއާއެކު ސޮއިކޮށްފި

ޤައުމީ ޕޭމަންޓް ނިޒާމު "ފަވަރަ"އާ ގުޅުމަށް ޑިޖިޓަލް ވޮލެޓް "ފަހި ޕޭ" އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ދެމެދު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމާއެކު، ފަހި ޕޭ ވެގެންދާނީ ފަވަރަ ނިޒާމާ ގުޅުނު، ބޭންކު ނޫން މާލީ ޚިދުމަތްދޭ ދެވަނަ ފަރާތަށެވެ.

މި އެއްބަސްވުމުގެ ދަށުން ފަހި ޕޭ މެދުވެރިކޮށް ފަވަރަ ޚިދުމަތް ދިނުމަށް ބޭނުންވާ ފުރަތަމަ މަރުހަލާގެ ޓެސްޓުތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އެމްއެމްއޭއިން ވިދާޅުވީ، ޢާންމުންނަށް މި ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.

"ފަވަރަ" ޓްރާންސްފާއަކީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކޮށްދީ، މާލީ މުއާމަލާތްތައް އަވަސްކޮށްދޭ ނިޒާމެކެވެ. މީގެ އިތުރުން "ފަވަރަ" ރިކުއެސްޓް މެދުވެރިކޮށް އަމިއްލަ ފަރާތްތަކަށާއި ވިޔަފާރިތަކަށް ބިލު ފޮނުވައިގެން ފަސޭހަކަމާއެކު ފައިސާ ހޯދުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ. މިހާތަނަށް ރާއްޖޭގެ ގިނަ ބޭންކުތަކާއި، ފައިސާގެ މުއާމަލާތްކުރާ އެކި ވޮލެޓްތަކުގެ އިތުރުން ދިރާގު ފަދަ މުވާސަލާތީ ކުންފުނިތަކުންވެސް ވަނީ މި ނިޒާމާ ގުޅިފައެވެ.

ރާއްޖޭގެ ޕޭމަންޓް ނިޒާމު އިތުރަށް ފުޅާކޮށް ޒަމާނީ ކުރުމަށް އެމްއެމްއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ފަވަރަ ނިޒާމު އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އާ ގުޅާލުމުގެ މަސައްކަތް ފުރިހަމަކޮށް މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައެވެ. މި މަޝްރޫޢުގެ ދެވަނަ މަރުހަލާގެ ދަށުން، ކިއުއާރު (QR) ކޯޑު ބޭނުންކޮށްގެން ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މިއަދު އޮންލައިން