ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެމްއާރްއައި ހިދުމަތް ފެށުމާއި އައު އިމާރާތުގެ މަސައްކަތް ވެގެންދާނީ އެންމެ ބޮޑު ގޮންޖެހުމަކަށް: ސީއީއޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެމްއާރްއައި ހިދުމަތް ފެށުމާއި އައު އިމާރާތުގެ މަސައްކަތް ވެގެންދާނީ އެންމެ ބޮޑު ގޮންޖެހުމަކަށް: ސީއީއޯ

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާއިރު، އެ ބަދަލުގެ އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެންދާނީ އެމްއާރްއައިގެ ޚިދުމަތް ފެށުމާއި އައު އިމާރާތުގެ މަސައްކަތް ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އަޝްރަފް ވިދާޅުވީ، ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި ނާރުގެ ބަލިތަކަށް ފަރުވާދެވޭނެ ނިޒާމެއް ޤާއިމުކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ) ގެ ދަށަށް މި ހޮސްޕިޓަލްގެ ހިންގުން ސަރުކާރުން ބަދަލުކުރައްވާފައިވާއިރު، އެ ކުންފުނީގެ ބޯޑުގައިވެސް އަޝްރަފް ހިމެނިވަޑައިގަންނަވައެވެ.

ހޮސްޕިޓަލަށް އަލަށް އިތުރުކުރަން ނިންމާފައިވާ ޚިދުމަތްތަކާ ގުޅޭގޮތުން އޭނާ ވިދާޅުވީ އަންނަ އަހަރު ފެށޭއިރު ނޭވާލާ ނިޒާމުގެ ބަލިތައް (ޕަލްމޮނޮލޮޖީ)، ކުޑަކުދިންގެ އިންޓެންސިވް ކެއާ (ނިއޯނޭޓަލް ކެއާ)، އަދި ޔޫރޮލޮޖީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، ކަނޑު އަޑިއަށް ފީނާ މީހުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ފަރުވާދިނުމަށް ޑީކޯ ޗެމްބަރުގެ ޚިދުމަތްވެސް ތަޢާރަފުކުރެވޭނެ ކަމަށް އަޝްރަފް ފާހަގަކުރެއްވިއެވެ.

ހޮސްޕިޓަލުގެ ޓެކްނިކަލް އަދި ކްލިނިކަލް ފެންވަރު މަތިކުރުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އަޝްރަފް ވިދާޅުވީ، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ތާރީޚުގައި މީގެ ކުރިން މެޑިކަލް ޑައިރެކްޓަރެއް ހަމަޖެހިފައި ނުވާ ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް 2027 ވަނަ އަހަރަކީ އެފަދަ ޓެކްނިކަލް ބޭފުޅެއް ހޮސްޕިޓަލަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުލިނިކަލް ސައިޑުން މި ހޮސްޕިޓަލްގެ ހަޔާތުގައި އެވަރުގެ ޓެކްނިކަލް ބޭފުޅެއް އަދި ހަމަޖެހިފައެއް ނެތް. ދިވެހި ބޭފުޅެއް ހޯދަންވެސް ވަރަށް ބޮޑަށް އުނދަގޫ. މި މަސައްކަތް ކުރަނީ ދިވެހި ބޭފުޅަކު ލިބޭތޯ. ވަރަށް އުންމީދުވެސް ބޮޑު،" އަޝްރަފް ވިދާޅުވިއެވެ.

މިއަދު އޮންލައިން