ދިވެހިރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާގައި ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކުން ރައްޔިތުން ސަލާމަތްކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން އެ ވިޔަފާރިތައް ހިންގުމަށް މަގުފަހިކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރިއަލް އެސްޓޭޓްގެ ވިޔަފާރީގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހާމަކަން ބޮޑު އުސޫލުތަކެއް ކަނޑައެޅުމާއި، މި ދާއިރާގައި ހަރަކާތްތެރިވާ ޑިވެލޮޕަރުން ރަޖިސްޓްރީކުރުމުގެ އުސޫލުތައް އެކުލަވާލުން ހިމެނެއެވެ. މީގެ އިތުރުން ޑިވެލޮޕަރުންގެ ޒިންމާތަކާއި ހައްގުތައް ބަޔާންކޮށް، މަޝްރޫޢުތަކުން ޔުނިޓްތައް ގަންނަ ފަރާތްތަކަށް ގެއްލުން ވިޔަނުދީ އެމީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް މޮނީޓަރިންގ ނިޒާމެއް ޤާއިމުކުރުން ވެސް ހިމެނެއެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރިއަލް އެސްޓޭޓް ވިޔަފާރީގެ އެންމެހައި ކަންކަން ބަލަހައްޓައި ރެގިއުލޭޓް ކުރުމަށްޓަކައި ދައުލަތުގެ ވަކި އިދާރާއެއްގެ ގޮތުގައި "ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމުގައި މުއައްސަސާއެއް ޤާއިމުކުރަންޖެހެއެވެ. މި އިދާރާ ހިންގުމަށް ހަމަޖެހިފައިވަނީ ކަމާގުޅޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.
އަލަށް އުފައްދާ އޮތޯރިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ރަޖިސްޓްރީކުރުމާއި، އެ މަޝްރޫޢުތަކާ ގުޅޭ ޑިވެލޮޕަރުންނާއި އޭޖެންޓުން ދަފްތަރުކޮށް ބެލެހެއްޓުން ހިމެނެއެވެ. އަދި މި ވިޔަފާރީގެ މުއާމަލާތްތަކުގައި ކަސްޓަމަރުންގެ މަސްލަހަތު ހިމާޔަތްކުރެވޭނެ އިންތިޒާމުތައް އެކަށައެޅުމަކީ ވެސް އެ އޮތޯރިޓީގެ ޒިންމާއެކެވެ.
މި ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރެވުމުން ރައްޔިތުންނަށް މިހާރު ދިމާވާ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި އަމިއްލަ ގޯތިތަކުގައި ގެދޮރު އެޅުމަށް އެކި ފަރާތްތަކާ ހަވާލުކޮށްގެން ލިބޭ ގެއްލުންތަކާއި، ފްލެޓާއި އެޕާޓްމަންޓް ފަދަ މަޝްރޫޢުތަކަށް ފައިސާ ދެއްކުމަށްފަހު އެ މަސައްކަތްތައް ހުއްޓިގެން ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކުން ސަލާމަތްކަން ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ؛ "ގޯތި ގެއްލިފައި އެބަހުރި. ބޮޑެތި ލޯނުތައް ބޮލުގައި އަޅުވާ މަކަރު ހަދާފައި އެބަހުރި. މިފަދަ ހުރިހާ ކަމަކުން ރައްޔިތުން ސަލާމަތްކޮށްދޭ ބިލެއް. މަޝްހޫރު ކޭޕާކް އަދި ސީލައިފްގެ ކަންކަން. މިކަހަލަ ހުރިހާ ކަމަކުން ރައްޔިތުން ސަލާމަތްކޮށްދެވޭނެ. އެހެންވީމަ ރިއަލް އެސްޓޭޓް ނިޒާމީ ގޮތުން އެސްޓެބްލިޝް މިކޮށްދެވެނީ. ގަންނަ ފަރާތާއި ވިއްކާ ފަރާތުގެ ކަންކަން ވަރަށް ސާފުކޮށް ބަޔާންކުރެވިފައިވޭ."