ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި ޒަމާނީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކުޅިވަރުގެ ސިނާޢަތް އެއްވެސް ތަފާތުކުރުމެއް ނެތި، ހުރިހާ ކުޅިވަރެއް ވެސް ޝާމިލްވާ ގޮތަށް ކުރިއެރުވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ޕާކިސްތާނުގެ ހިލޭ އެހީގެ ދަށުން މި ސްޓޭޑިއަމް އެޅުމަށް ހަމަޖެހިފައިވަނީ ގުޅީފަޅުގައި ކަމަށާއި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޕާކިސްތާނު ސަރުކާރުން ހިލޭ ހަދިޔާ ކުރެއްވި ކްރިކެޓް ސްޓޭޑިއަމެއް. ކްރިކެޓް ސްޓޭޑިއަމްވެސް ވަރަށް އަވަހަށް އެޅިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މި އެހީތެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި ވެވުނު ޚާއްޞަ އެއްބަސްވުމެއްގެ ދަށުން ހަމަޖެހިގެންދިޔަ ކަމެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ބޮޑު މަޝްރޫޢެއްގެ ޢަމަލީ ސިފަ ޖެހިގެންދިއުމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.