ތުރުކީވިލާތުގައި މިހާރު ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް، ކޮޕް31 ގެ ވޯލްޑް ލީޑަރސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާ އެ ޤައުމަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މިއަހަރުގެ ކޮޕް ސަމިޓް ތުރުކީވިލާތުގެ އަންތާލިޔާ އެކްސްޕޯ ސެންޓަރުގައި މިދިޔަ ހަފުތާއިން ފެށިގެން މިމަހުގެ 20 ގެ ނިޔަލަށް ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އިން 12 އަށް ބާއްވާ ވޯލްޑް ލީޑަރސް ސަމިޓުގައެވެ.
މި ސަމިޓަކީ ރާއްޖެއަށް ނުހަނު މުހިންމު ސަމިޓެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ބައިނަލްއަޤްވާމީ މައިދާނުގައާއި ޤައުމީ ފެންވަރުގައިވެސް ޒިންމާދާރުކަމާއެކު ފިޔަވަޅުތައް އަޅަމުން އަންނަ ޤައުމެއް ކަމަށެވެ. އަދި ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް އަބަދުވެސް ވަކާލާތުކޮށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ތިމާވެށީގެ ދާއިރާއިން ޙާޞިލުކުރަން ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތާއި، ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ އިތުރުން، ރަށްރަށުގެ ގޮނޑުދޮށްތައް ގިރުމުގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ މައްސަލަތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށްޓަކައި، ކޮޕް ސަމިޓުގެ މަތީ ފަންތީގެ ޕްލެޓްފޯމުގައި ރާއްޖޭގެ ފަރާތުން ފުޅާ ދާއިރާއެއްގައި ވަކާލާތު ކުރައްވާނެ ކަމަށެވެ.