ޔޫރަޕުގެ ޤައުމުތަކަށް ދަތުރުކުރުމަށް ބޭނުންވާ ޝެންގެން ވިސާ ދިވެހި ރައްޔިތުންނަށް ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށްޓަކައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމުގައި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، ރާއްޖެއާއި ބައިނަލްއަޤުވާމީ ދުނިޔެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަތައް ހޯދައިދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ރާއްޖޭގެ ސަފާރާތަކާއި ޚާރިޖީ ވުޒާރާއިން 24 ގަޑިއިރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ޔޫރަޕަކީ ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރަން ބޭނުންވާ ސަރަހައްދެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކުރިން ޝެންގެން ވިސާއަށް އެދެން ޖެހެނީ ސްރީލަންކާއަށް ގޮސްގެން ކަމަށްވީ ނަމަވެސް، މިހާރު ރާއްޖޭގައި ހުންނަ ވީއެފްއެސް ގްލޯބަލް (VFS Global) މެދުވެރިކޮށް ވިސާއަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހުވެސް ޚާރިޖީ ދާއިރާއިން ކޮންސަލްޓެންސީތަކެއް ބާއްވާފައިވާކަން ފާހަގަކުރައްވައި، މައިގަނޑު މަޤްޞަދަކީ ދިވެހިންނަށް ވީހާވެސް ފަސޭހައިން ޝެންގެން ވިސާ ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ވިދާޅުވިއެވެ.
ދިވެހިންނަކީ ބޭރު ޤައުމުތަކަށް ދަތުރުކުރުމުގައި ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތާ ބައެއްކަން ފާހަގަކުރައްވަމުން، "ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ފަތުރުވެރިކަމުގައާއި ދަތުރުކުރުމުގައިވެސް ޤަވާއިދާ ޚިލާފުވުމުގެ މައްސަލަތައް ނުހުންނަ ބައެއް. އަދި ދިވެހި އާބާދީއަކީ އެހެން ޤައުމުތަކާ އަޅައިބަލާއިރު ވަރަށް ކުޑަ އާބާދީއެއް،" ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހިން ކުރާ ދަތުރުތަކަކީ މުހިންމު ބޭނުންތަކުގައި، ޚާއްޞަކޮށް ތަޢުލީމު ހާސިލުކުރުމަށާއި ފަތުރުވެރިކަމުގެ އިތުރުން ރަށްވެހިވުމަށް ކުރާ ފައިދާހުރި ދަތުރުތަކެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ޝެންގެން ވިސާގެ އިތުރުން، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޤައުމުތައް ކަމަށްވާ މެލޭޝިއާއާއި ސްރީލަންކާ ފަދަ ޤައުމުތަކުންވެސް ދިވެހިންނަށް ބޭނުންވާ ތަފާތު ވިސާތައް ލުއިފަސޭހަ ގޮތްތަކެއްގެ މަތިން ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވިއެވެ.