އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރަން އިމިގްރޭޝަންގެ އާ ބިލުގައި ހިމަނައިފި: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 20ސ
އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރަން އިމިގްރޭޝަންގެ އާ ބިލުގައި ހިމަނައިފި: ރައީސް

ދިވެހިރާއްޖޭގެ ސަރަހައްދަށް އިސްރާއީލުގެ ރައްޔިތުންނަށް އާދެވުމަކީ މި ސަރުކާރުން އެއްގޮތަކަށް ވެސް ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި، އަލަށް އެކުލަވާލާ އިމިގްރޭޝަން ބިލުގައި އެ ގައުމުގެ ޕާސްޕޯޓް ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖެ ނާދެވޭ ގޮތަށް މުތުލަގަށް މަނާކުރަން ކަނޑައަޅާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިމިގްރޭޝަނާ ގުޅޭގޮތުން މިހާރު އަމަލުކުރަމުންދާ ގާނޫނަކީ މިހާރުގެ ޒަމާނީ ބޭނުންތަކާއި ހާލަތްތަކަށް އެކަށީގެންވާ ގާނޫނެއް ނޫން ކަމަށެވެ. އެހެންކަމުން، އިމިގްރޭޝަންގެ ހިދުމަތްތައް ތަރައްގީކޮށް، މުވައްޒަފުންގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ޒަމާނީ އާ ގާނޫނެއް އޮތުމަކީ ނުހަނު މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އެތެރެވުން މަނާ ފަރާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވީ، މިހާރު ގާނޫނުގައި އޮތީ ހަމައެކަނި އޮކްޓޫބަރު 7 ގެ ހާދިސާއާ ގުޅުވައިގެން ވަކި ހާލަތެއް ދެމިއޮތްހާ ހިނދަކު އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް ކަމަށެވެ. ނަމަވެސް، އަލަށް ހުށަހެޅޭ ބިލުގައި އެއްވެސް ހާލަތަކަށް ނުވަތަ ވަކި ކަމަކަށް ބެލުމެއް ނެތި، އިސްރާއީލުގެ ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ނުވަދެވޭނެކަން ސާފުކޮށް، މުތުލަގަށް ބަޔާންކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ނަމަވެސް މި ބިލުގައި އެ ހާލަތައް ރިއާޔަތް ނުކޮށް މުތޮލަގަށް ބަޔާންކޮށްފައި އޮންނާނެ އިސްރާއީލްގެ ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށް. އެހެންވީމަ ވަރަށް ސާފުކޮށް ގާނޫނުގައި ބަޔާންކުރަނީ އިސްރާއީލް ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެކަމަށް. އެއީ ވަކި ކަމަކާ ގުޅުވާފައެއް ނޫން." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމަކީ ދިވެހި އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައްޔާއި ބައިނަލްއަގުވާމީ ކޯޓުތަކުގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވެ، ފަލަސްތީނުގެ ހައްގުގައި ވަރުގަދައަށް ވަކާލާތު ކުރަމުންދާ ކަމަށާއި، މި ސިޔާސަތު އިމިގްރޭޝަންގެ އާ ގާނޫނުން ސާފުކޮށް ފެންނަންޖެހޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަލަށް އެކުލަވާލާ އިމިގްރޭޝަން ބިލުގައި އިގްތިސާދީ އަދި އިދާރީ ގޮތުން މުހިންމު ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ. އެގޮތުން:

މި ބިލު ގާނޫނަކަށް ވުމުން، ރާއްޖޭގެ އިމިގްރޭޝަން ނިޒާމު މިހާރަށްވުރެ ހަރުދަނާވެ، ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތުތައް ތަންފީޒުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން