ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 35ސ
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން: ރައީސް

ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން އެ އަދަބު ދޭނީ ދަންޖައްސައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ބިލުގެ ތަފްސީލުތައް ހާމަކުރައްވާފައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގައި މަރުގެ ހުކުމް އިއްވައި ޝަރުއީ ތިން މަރުހަލާ ނިމިފައިވާ ކުށްވެރިން ތިބި ނަމަވެސް، ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން އެކަން ތަންފީޒުކޮށްފައި ނުވާ ކަމަށެވެ. އަދި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވެފައި، މި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އިސްލާމްދީނަށް ނަސްރުދިނުން ކަމުގައިވާތީ، ޝަރީއަތުގައި މިކަން އޮންނަ އުސޫލުން ތަންފީޒުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކީރިތި ޤުރުއާނުގައި ގިސާސް ހިފުމަކީ ފުރާނަތައް ރައްކާތެރިކޮށް، މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށް އޮތް މަގެއްކަން ބަޔާންކޮށްފައިވާތީ، ގާނޫނުއަސާސީއާއި އިސްލާމީ ޝަރީއަތާ އެއްގޮތަށް ނިމިފައިވާ މިފަދަ ހުކުމެއް ތަންފީޒުނުކޮށް ހިފެހެއްޓުމުގެ އިހުތިޔާރު އިސްލާމީ ވެރިއަކަށް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަލަށް އެކުލަވާލެވޭ ބިލުގައި މައިގަނޑު ދެ ދާއިރާއަކުން މަރުގެ އަދަބު ތަންފީޒުކުރުމަށް ކަނޑައަޅާފައިވެއެވެ. އެއީ ގަސްތުގައި މީހުން މެރުމުގެ ކުށުގައި ގިސާސް ހިފުމާއި، ކަނޑައެޅޭ ވަކި މިންގަނޑުތަކަކަށް ފެތޭ ގޮތަށް މަސްތުވާތަކެތި ޓްރެފިކްކުރާ ފަރާތްތަކުގެ މައްޗަށެވެ.

މި ބިލުގައި ބަޔާންކުރާ ގޮތުގައި މަރުގެ އަދަބު ކަނޑައެޅޭނީ ފަސް ޝަރުތެއް ފުރިހަމަވެގެންނެވެ. އޭގެ ތެރޭގައި:

ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ނިހާއީ ހުކުމް އިއްވާތާ ހަ މަސް ދުވަސް ފަހުން ތަންފީޒީ އިޖުރާއަތުތައް ފަށާއިރު، މި މަސައްކަތް ވިލަރެސްކުރާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން އެކުލަވާލެވޭ ހަތް މެންބަރުންގެ ހާއްސަ ޕެނަލަކުންނެވެ. އެ ޕެނަލްގެ ޒިންމާތަކުގެ ތެރޭގައި އަދަބު ތަންފީޒުކުރާނެ ވަގުތު ކަނޑައެޅުމާއި، ތަންފީޒުކުރުން ފަސްކުރަންޖެހޭ ހާލަތެއް އޮތްތޯ ބެލުމާއި، އިންތިޒާމުތައް ހަމަޖައްސައި އެކަމުގެ ހުއްދަ ދިނުން ހިމެނެއެވެ.

މީގެއިތުރުން، ބިލުގައި އަދަބު ތަންފީޒުކުރުން ފަސްކުރެވިދާނެ ހާލަތްތައް ވެސް ވަނީ ތަފްސީލުކޮށްފައެވެ. އޭގެ ތެރޭގައި ކުށްވެރިޔާ ބަލިވެއިނދެ ވިހެއުމަށްފަހު ދަރިފުޅަށް ދެ އަހަރު ވަންދެން، ސިއްހީ ނުވަތަ ނަފްސާނީ ހާލަތު އާދަޔާ ހިލާފަށް ދަށަށް ގޮސްފައިވާނަމަ އެކަން ރަނގަޅުވަންދެން، އަދި ހުކުމް މުރާޖައާ ކުރުމަށް ކޯޓަށް ހުށަހަޅާފައިވާނަމަ އެ މައްސަލައެއް ނިމެންދެން އަދަބު ފަސްކުރުން ހިމެނެއެވެ.

ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާނީ މީހުންނަށް ނުފެންނަ ރައްކާތެރި ތަނެއްގައި ދަންޖައްސައިގެން ކަމަށާއި، މި އަމަލީ މަސައްކަތް ކުރިއަށް ގެންދާނީ ކަރެކްޝަނަލް ސާވިސް އިންނެވެ. އަދި ހުކުމް ތަންފީޒުކުރާ ވަގުތުގެ އެއްވެސް މަންޒަރެއް ނުވަތަ އަޑެއް ރެކޯޑުކުރުމާއި އާންމުކުރުމަކީ މި ބިލުގެ ދަށުން މުޅިން މަނާކަމެއް ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.

 

މިއަދު އޮންލައިން