ސިޔާސީ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ އިންވެސްޓްމަންޓުތަކާއި ދަތުރުފަތުރަށް ހުރަސްއެޅިދާނެ: ޚާރިޖީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ސިޔާސީ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ އިންވެސްޓްމަންޓުތަކާއި ދަތުރުފަތުރަށް ހުރަސްއެޅިދާނެ: ޚާރިޖީ ވަޒީރު

ދިވެހިރާއްޖެއާއި ބޭރު ޤައުމުތަކާ ދެމެދު އޮންނަ ގުޅުން ހީނަރުވާ ގޮތަށް ދެކެވޭ ސިޔާސީ ވާހަކަތަކުގެ ސަބަބުން، ޤައުމަށް ލިބޭ ބޭރުގެ އިންވެސްޓްމަންޓުތަކަށާއި ދިވެހި ރައްޔިތުންގެ ދަތުރުފަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢާޞިމް އަޙްމަދު ނުވަތަ ކަމާބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބޭއްވި "އަހާ" ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއިން މިހާތަނަށް 186 ޤައުމަކާއެކު ޚާރިޖީ އަދި ސިޔާސީ ގުޅުން ވަނީ ޤާއިމުކޮށްފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް އެކި ޤައުމުތަކުން ލިބޭ މާލީ އަދި ފަންނީ އެހީތެރިކަމަކީ ބޭރު ދުނިޔެއާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާއެވެ.

ނަމަވެސް، އެއްވެސް ޒިންމާދާރުކަމެއް ނެތި ސިޔާސީ މަންފާއަށްޓަކައި ދައްކާ ވާހަކަތަކުގެ ސަބަބުން، އެކުވެރި ޤައުމުތަކާއެކު އޮންނަ ގާތް ގުޅުންތަކަށް ހިޔަނިއެޅިގެންދާ ކަމުގެ އިންޒާރު ވަޒީރު ދެއްވިއެވެ. އަދި އޭގެ ނޭދެވޭ އަސަރު ދިގު މުއްދަތަކަށް، ޖީލުތަކަކަށް ދެމިގެން ހިނގައިދާނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް، "ރަސްމާލެ" ފަދަ ޤައުމީ ބޮޑެތި މަޝްރޫޢުތަކާ ގުޅުވައިގެން ސިޔާސީ ގޮތުން ދައްކާ ވާހަކަތަކުގެ ސަބަބުން، އެ މަޝްރޫޢުތައް ރާއްޖޭގައި ހިންގުމުގައި ހަރަކާތްތެރިވާ ބޭރުގެ ކޮންޓްރެކްޓަރުން ނިސްބަތްވާ ޤައުމުތަކާއެކު އޮތް ގުޅުމަށް ބުރޫއެރުމުގެ ފުރުޞަތު އެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދިވެހިން އެ ޤައުމުތަކަށް ދަތުރުފަތުރުކުރުމުގައާއި ވިސާގެ ކަންކަމުގައި ދަތިތަކާ ކުރިމަތިވުމުގެ އިތުރުން، ރާއްޖެއަށް އައު އިންވެސްޓްމަންޓުތައް ގެނައުމަށް ހުރަސްއެޅިގެން ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހި ރައްޔިތުން ބޭރުގެ އެކި ޤައުމުތަކަށް ދަތުރުކުރާއިރު ޤައުމުގެ އަބުރާއި ރީތި ނަން ހިފެހެއްޓުމަށާއި، ދަތުރުކުރާ ޤައުމުތަކުގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް އިޙްތިރާމްކޮށްގެން އުޅުމަށް ޚާރިޖީ ވަޒީރު ވަނީ އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން