ތަޢުލީމީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާއެކު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ފުރިހަމައަށް އަހުލުވެރިވެފައިވާ މުދައްރިސުންތަކެއް ކުރިއަށް އޮތްތަނުގައި ބިނާވެގެންދާނެ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ތަޢުލީމީ ދާއިރާގައި އޭއައި ބޭނުންކުރުމާ ގުޅޭގޮތުން ބޭއްވި ފޯރަމެއްގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ކުރިއެރުންތަކާއި ބަދަލުތަކާ އެއްގޮތަށް ރާއްޖޭގެ ތަޢުލީމީ ނިޒާމަށްވެސް އަބަދުވެސް ފުރުޞަތުތައް ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ މަރުޙަލާގައި ބައިނަލްއަޤްވާމީ ކަރިކިއުލަމް ބޭނުންކުރަމުންދާއިރު، ޕްރައިމަރީ ކަރިކިއުލަމްވެސް ބައްޓަންކޮށްފައިވަނީ އެ މިންގަނޑުތަކާ ގުޅޭގޮތަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަޢުލީމީ ދާއިރާއަށް އެންމެ ބޮޑު ބަދަލެއް ގެނެވޭނީ މުދައްރިސުންނަށްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ އަހަރުގެ ރަމަޟާން މަހުން ފެށިގެންވެސް މުދައްރިސުންނަށް އޭއައިގެ ތަމްރީންތައް ދިނުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި މިހާރުވެސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ) މެދުވެރިކޮށް އެފަދަ ޕްރޮގްރާމްތައް ހިންގަމުން އަންނަކަމަށް ވިދާޅުވިއެވެ.
"އޭއައިގެ އެދުރު ޕްލެޓްފޯމުން ޓީޗަރުން އަހުލުވެރިކުރުމަށް އެކި މަސައްކަތްތައް މިދަނީ ކުރަމުން. މާނައަކީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކޮށްގެން ކިޔަވައިދޭނެ ޓީޗަރސް ފޯސްއެއް އޮންނާނެ،" ވަޒީރު ވިދާޅުވިއެވެ.
މިފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސަބަބުން ކިޔަވައިދިނުމުގެ ވައްޓަފާރިއަށް ހެޔޮ ބަދަލުތަކެއް އައިސް، ދަރިވަރުންނަށް ޒަމާނީ ފެންވަރުގެ ފުރިހަމަ ތަޢުލީމެއް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.