ދަރިވަރުންގެ ކިބައިގައި ދިވެހިވަންތަކަމާއި ރިވެތި އަޚުލާގު އަށަގެންނެވުމުގެ މަގުސަދުގައި، އަންނަ އަހަރުން ފެށިގެން ގައުމިއްޔަތު މާއްދާއަށް މުހިންމު ބަދަލުތަކެއް ގެނެސް، އެ މާއްދާގައި އަޚުލާގުގެ ބައި އިތުރުކުރުމަށް ނިންމާފައިވާކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
"އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ އަހަރު ކަމަށްވާ 2024 އިން ފެށިގެން އެކި ކީ ސްޓޭޖްތަކަށް ގައުމިއްޔަތު މާއްދާ ތައާރަފްކުރަމުން އައިސްފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކީ ސްޓޭޖް 1 އަދި 2 އަށް އެ މާއްދާ ތައާރަފްކުރިއިރު، މިހާރު ވަނީ ކީ ސްޓޭޖް 3 އާ ހަމައަށް އެ ޕްރޮގްރާމް ފުޅާކޮށްފައެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ތަޖުރިބާއަށް ބިނާކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ގައުމިއްޔަތު މާއްދާގެ ތެރެއަށް ދިވެހި ކާބަފައިންގެ ވާހަކަތަކާއި، ގައުމުގެ މުހިންމު ބަހާތަކުގެ އިތުރުން ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިވެތި އަޚުލާގާއި ސުލޫކު ފުރިހަމައަށް އިންޓަގްރޭޓް ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ސްކޫލްތަކުގައި މިހާރު ވެސް ކުރިއަށްގެންދާ "ބިންގާ ޕްރޮގްރާމް" އަކީވެސް ކާބަފައިންގެ ރިވެތި އާދަތައް ކުދިންނަށް ދަސްކޮށްދިނުމަށް ފެށިފައިވާ ވަރަށް މުހިންމު މަޝްރޫއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ކޮންމެ މަހަކަށް ވަކި ތީމެއް އެކުލަވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 200 ސްކޫލެއްގައި 15،700 އަށްވުރެ ގިނަ ހަރަކާތް ވަނީ ހިންގާފައެވެ. އަދި މި ހަރަކާތްތަކުގައި 100،000 އެއްހާ ދަރިވަރުން ބައިވެރިވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.