ދިރިއުޅުމަށްޓަކާ ކުރަން މަޖުބޫރުވާ މަސައްކަތެއް ނެތި ދެމަފިރިން އެކުގަ ނިދަން ނުއޮށޯތުމަކީ ދިރިއުޅުން ބަނގުރޫޓުވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދިރިއުޅުމަށްޓަކާ ކުރަން މަޖުބޫރުވާ މަސައްކަތެއް
ނެތި ދެމަފިރިން އެކުގަ ނިދަން ނުއޮށޯތުމަކީ ދިރިއުޅުން ބަނގުރޫޓުވާ ކަމެއް!


އަހުރެމެން ކޮންމެ މީހަކުވެސް ބޭނުންވާނީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. އެންމެ ކުޑަމިނުން ފުދިގެން ދިރިއުޅެވުމެވެ. އެކަންކަން ޙާޞިލުކުރެވެން އޮތީ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުމެވެ. ބަރަކާތް ލެއްވެވުން އެދިގެން ކުރަން އޮތްކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް ދިރިއުޅުމެވެ.

ކައިވެނިކުރުމަށްފަހު ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ދެމަފިރިން އެކުގައި ނިދަން އޮށޯތުމެވެ. ރޭގަނޑުގެ ކެއުމަށްފަހު ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރަން ނޫން ގޮތަކަށް ހޭލައި ނުތިބުމަށް ޙަދީޘްފުޅުކުރައްވަވާފައި އެއޮތީ މިމުހިންމު ސަބަބަށްޓަކައެވެ.

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ވަޒީފާގެ ގޮތުން ނުވަތަ ދިރިއުޅުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރަން ނެތްނަމަ އަނބިން ނިދުމުގެ ކުރިން ގެއަށް ވަނުމަކީ ފިރިންގެ ޒިންމާއެކެވެ. އަނބިމީހާގެ އިޙްސާސް ތަކަށް އިޙްތިރާމް ކުރުމަކީ ފިރިމީހާގެ މައްޗަށް އޮތް އެންމެ ބޮޑު އެއް ޒިންމާކަމަށްވާތީއެވެ.

ދެމަފިރިން އެކުގައި ނިދަން ނުއޮށޯންނަމަ ޖެހޭނެ މައްސަލަތައް ވަރަށް ގިނަވާނެއެވެ. އެކަމުގެ ސަބަބުން ދެމީހުންގެ މެދުގައި ދުރުކަން އުފެދޭނެއެވެ. އޮންނަންޖެހޭ ގާތްކަން ކުޑަވެގެންދާނެއެވެ. ދެމަފިރިން އެކުގައި ނިދަންވީ ހަމައެކަނި އެއްދާންކުރާ ރޭތަކަކު ނޫނެވެ. ކޮންމެރެއަކުއެވެ. ދެމަފިރިން އެކުގައި ނިދަންއޮށޯތުމަކީ ހުރިހާ ގޮތަކުންވެސް ދެމަފިރިންގެ ގުޅުން ބަދަހިވެ ލޯބިއިތުރުވާ ކަމަކަށްވާތީއެވެ.  

ދިރިއުޅުމަށް އެންމެ މުހިންމީ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯބި ދިރުވައި އާލާކުރުމެވެ. ގުޅުން ހީނަރުވިއަނުދީ ބަދަހިކުރަން މަސައްކަތްކުރުމެވެ. މި 2 ކަންތަކަށް ސަމާލުކަންނުދީ އުފާވެރިކަމެއް ނުލިބޭނެއެވެ. މި 2 ކަންތައް ހީނަރުވާނަމަ ދެމީހުންގެ ގުޅުން ދާނީ ހީނަރުވަމުންނެވެ. 

މިބުނި ކަންކަމަށް ސަމާލުކަން ނުދޭނަމަ ދިރިއުޅުން ބަނގުރޫޓުވެއެވެ. އެކަން މެދުވެރިވަނީ ދެގޮތަކުންނެވެ. ފުރަތަމަ ކަމަކީ ރޭގަނޑު ބޭރުގައި އުޅެވޭނަމަ ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ނޫން ޚަރަދުތައްކުރެވި މާލީ ގޮތުން ދަތިތައް ކުރިމަތިވުމެވެ. ދެވަނަ ގޮތަކީ ދެމަފިރިންގެ މެދުގައި މައްސަލަތައް ގިނަވެ ކައިވެނި ރޫޅުމެވެ. ވީމާ މިއީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން       

 

 

މިއަދު އޮންލައިން