ދެމަފިރިންގެ މެދުގައި މައްސަލަތައް ހޫނުވެ ކައިވެނިރޫޅޭ ޙާލަތަށް ކަންކަންދާ ސަބަބަކީ އަނބިމީހާ ބޭނުންވާ ހުރިހާ ކަމެއް ކޮށްނުދެވުމެއް ނޫނެވެ. އަނބިމީހާ ކުރަން ބޭނުންވާ ޝަކުވާތައް އަޑުނުއެހުމެވެ.
ހަވީރު ގެއަށް އަންނައިރު ފިރިމީހާ ވަރުބަލިވެފައި ހުންނަފަދައިން އަނބިމީހާވެސް ހުންނާނީ މަސައްކަތްކޮށްކޮށް ވަރުބަލިވެފައެވެ. ވީމާ ވަރުބަލިވާނީ އެކަކު އެކަންޏެއް ނޫނެވެ. ދިރިއުޅުން ކުރިއަށް ގެންދަންވީ އެކަންކަން ޤަބޫލުކުރުމާއިއެކުގައެވެ.
"ބައެއް ދުވަސްދުވަހު ގެއަށް ގޮސް ވަންނައިރަށް އަނބިމީހާ އޭނާގެ ޝަކުވާތައް ހުށަހަޅަންފަށާ! އަހުރެން ރުޅިއެއް ނުއަންނަން! އޭނާގެ ޝަކުވާ އަޑުއަހަންހުރީ އަހުރެންކަން ވިސްނޭތީ ބުނަނީ ކޮޓަރިއަށް ވަދެލައިފަ އެބަ އަންނަމޭ! އެވަރަށް ބުނީމަވެސް އަނބިމީހާއަށް ހިތްހަމަޖެހުން ލިބޭ! އެއީ އޭނާގެ ޝަކުވާތައް އަޑުއަހާނެކަމުގެ ޔަޤީންކަން ލިބޭތީ! ދެން ކޮޓަރީގެ އިރުކޮޅަކު މަޑުކޮށްލައިފަ ގޮސް ކާން ނުވަތަ ސައިބޯން ތިބެގެން ވާހަކަދައްކާއިރު ޝަކުވާގެ ގޮތުގައި ބުނަނީވެސް ވަރަށް މަދުކަމެއްގެ ޥާހަކަ!" މިއީވެސް ޒުވާން ދެމަފިރިއެއްގެ ވާހަކައެވެ.
"އަޅުގަނޑު ހަދާ ގޮތަކީ އަނބިމީހާ ޝަކުވާކުރަންފެށީމަ އަޑުއަހަން އިންނަނީ! ދައްކާ ވާހަކަތަކާ ގުޅޭނެ ގޮތަކަށް ހިނިތުންވެލައިގެން ނޫނީ ސީރިޔަސްވެލައިގެން އިންނަނީ! އަނބިމީހާގެ ވާހަކަތައް ނިމޭއިރު ގިނަ ފަހަރު އޮންނަނީ ޙައްލުކުރަން ކަންތައްކުރަން ފެންނަ ގޮތްވެސް ބުނެވިފަ! ނިންމާލުމުން ބުނަނީ ތިއަ ދެއްކި ވާހަކަތަކަށް ރުހުމޭ! އިޞްލާޙްކުރަމާ ހިނގާށޭ! އެވަޤުތު އެކަހަލަ ގޮތަކަށް ނިންމައިލަނީ! އެހެން ގޮތެއް ބޭނުންވާ ކަންކަމުގަ އެހެން ދުވަހަކު އަޅުގަނޑުގެ ހުށަހެޅުން ހުށަހެޅީމާ ވަރަށް ފަސޭހައިން އެކަން ޤަބޫލުކުރޭ!" މިއީވެސް ހަމަ ޒުވާން ދެމަފިރިއެއްގެ ވާހަކައެވެ.
ކައިވެނިކުރުމަށްފަހު އަނެކާގެ ޝަކުވާތައް އަޑުއެހުމަކީ ދެމީހުންވެސް ކުރަންޖެހޭނެ ކަމެކެވެ. އެންމެ ބޮޑަށް ވިސްނަންޖެހޭނެ ކަމަކީ އަނބިމީހާ އޭނާގެ ޝަކުވާތަކަށް ޙައްލުހޯދަން ނަމަވެސް އެހެން މީހުންނާއި ވާހަކަދެއްކީމާ އެކަން އެބަ ކުށްވެރިކުރަމުއެވެ. އަނބިމީހާއަށް އެހެން މީހަކާ ވާހަކަދައްކަން ޖެހޭ ސަބަބަށް އޮންނަނީ ވިސްނައި ނުލެވިފައެވެ. ވިސްނައިލެވޭނަމަ އަނބިމީހާއަށް ވަޤުތުދޭނެއެވެ. ޝަކުވާތަކުގެ އަޑު އަހާނެއެވެ.
މިކަންކަމަށް ވިސްނާލައިފިނަމަ ދެމަފިރިންގެ މެދުގައި އުފެދޭ ވަރަށްގިނަ މައްސަލަތަކެއް ޙައްލުކުރެވިގެންދާނެއެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން / މިއަދުނޫސް